23 Jun 2015, 12:47
އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ކޮރޭޝިއާގެ މާރިއޯ މަންޒޫކިޗް ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޔުވެންޓަސް އަށް ސޮއިކޮށްފި އެވެ.
އުމުރުން 29 އަހަރު މަންޒޫކިޗް ޔުވެންޓަސްއާ ގުޅިފައި ވަނީ 13.6 މިލިއަން ޕައުންޑްގެ ޓްރާންސްފާ އަކަކަށެވެ.
މަންޒޫކިޗް އެތުލެޓިކޯގައި ހޭދަކޮށްފައި ވަނީ އެންމެ ސީޒަނެކެވެ. އޭނާ އެޓީމާ ގުޅިފައި ވަނީ މިދިޔަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނި ދެ ސިޒަނެއްގައި ބަޔާން މިޔުނިކުގައި ހޭދަކޮށްފަ އެވެ.
މިދިޔަ ސީޒަންގައި އެތުލެޓިކޯ މެޑްރިޑްގައި ކުޅުނު 43 މެޗްގައި އޭނާ ވަނީ 20 ލަނޑު ޖަހައިފަ އެވެ.
ޔުވެންޓަސްގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު މަންޒޫކިޗް ބުނެފައި ވަނީ ޔުވެންޓަސްގެ ޓީމެކޭ އެއްގޮތަށް ޔުވެންޓަސް ސިޓީއަށް ވެސް އޭނަ ޝައުގުވެރިވާ ކަމަށާއި އެޓީމްގައި އޭނާ އުފާ ވާނެ ކަމަށް އުންމިދުކުރާ ކަމަށެވެ.
މަންޒޫކިޗް ހޯދަން މެންޗެސްޓާ ޔުނަިޓަޑުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
މަންޒޫކިޗް ޔުވެންޓަސްއަށް ސޮއިކޮށްފައިވާ އިރު މިދިޔަ ސީޒަންގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފޯވަޑް އާޖެންޓީނާގެ ކާލޯސް ޓެވޭޒް އެޓީމް ދޫކޮށްލުމަށް ވަނީ ނިންމާފަ އެވެ.
އާޖެންޓީނަގެ ކުރީގެ މަޝްހޫރު ތަރި ޑިއޭގޯ މެރަޑޯނަ ވަނީ ޓެވޭޒް އާޖެންޓީނާގެ ބޮކަ ޖޫނިއާސްއަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ދީފަ އެވެ.