އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވައިޓްހައުސްގައި އެގައުމުގެ މުސްލިމުންނަށް ޚާއްސަ ރޯދަވީއްލުމެއް ބާއްވައިފި އެވެ.

އެމެރިކާގެ މުސްލިމުންނަށް ޚާއްސަކޮށްގެން ބޭއްވި އެ ރޯދަވީއްލުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އޮބާމާ ވިދާޅުވީ، ގާބޫލުކުރާ ގަބޫލުކުރުންތަކާއި ދީނީ ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް އެމެރިކާގެ އެންމެންނަކީ އެއް އާއިލާއެއް ކަމަށެވެ.

"ގަބޫލުކުރާ ގަބޫލުކުރުންތައް ތަފާތުވިޔަސް އަހަރެެމެން އެންމެންނަކީ އެއް އާއިލާއެއް،" ޑިޕްލޮމެޓިކް ކޮމިއުނިޓީގެ 40 މެންބަރުންނާއި ކޮންގްރެސްގެ ބައެއް މެންބަރުންވެސް ހާޒިރުވި އެ ބައްދަލުވުމުގައި އޮބާމާ ވިދާޅުވި އެވެ.

މުސްލިމުންގެ ހައްގުތަކަށް މަސައްކަތް ކުރި ގިނަ ބަޔަކު އެ ރޯދަވީއްލުމުގައި ވަނީ ބައިވެރިވެފަ އެވެ. އެގޮތުން ބުރުގާއަޅައިގެން ސޭލްސް ވަޒީފާއަކަށް އިންޓަވިއުއަށް ދިއުމުން އޭނާއަށް ވަޒީފާ ނުދިން މައްސަލާގައި ސުޕުރީމް ކޯޓަށް ދިޔަ ސަމަންތާ އިލައުފާވެސް އެ ރޯދަވީއްލުމުގައި ބައިވެރިވި އެވެ.

އިލައުފާގެ ސަބަބުން އެމެރިކާގައި މުސްލިމުންނަށް ބުރުގާ އެޅުމުގެ ހުއްދަ ލިބުނުކަން ފާހަގަކޮށް އޮބާމާ ވިދާޅުވީ އެހެންހުރިހާ މުސްލިމުންނަށްވެސް ބޭނުންވި ބުރުގާ އުޅުމުގެ ހައްގު ހޯދައިދިނުމަށް އުމުރުން 17 އަހަރުގައި އިލައުފާ ކޯޓަށް ގޮސް ކާމިޔާބު ކުރި ކަމަށެވެ.

"އޭނާގެ އުމުރުގައި އަޅުގަނޑަށްވެސް ނުވާނެ ކަމެއް އެއީ. އޭނާ ކާމިޔާބު ހޯދައިފި،" އިލައުފާއަށް އިޝާރާތްކުރައްވައި އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވީ އެމެރިކާގެ ހުރިހާ ރައްޔިތުންވެސް އެއްބައިވާން ޖެހޭ ކަމަށާއި، ވަކިމީހަކަށް ވީތީ ނުވަތަ މީހަކު ހުންނަގޮތަކުން، ވަކި ކަމަކަށް ލޯބި ހުރުމުން ނުވަތަ ވަކި ދީނަކަށް ތަބާވުމަކުން ތަފާތުވާކަށް ނުޖެހޭނެ ކަމަށެވެ.