އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އިއްޔެ ހެނދުނު 10:00 އެހާކަންހާއިރު ހިތަދޫ ބޮޑު މަގު، ސިޓީ ސެންޓްރަލް ކައިރީގައި ހިނގި އެ އެކްސިޑެންޓުގައި ޒަޚަމްވެފައި ވަނީ އެކްސިޑެންޓްވި ސައިކަލްގެ ފަހަތުގައި އިން ހިތަދޫ، ނާދިރާ މަންޒިލް، އަލީ ސާދިމް،23، އެވެ.

ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު 'ސަން' ވިދާޅުވީ އިއްޔެ ހިތަދޫގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި މީހާގެ ބޯފަޅައިގެން ގޮސް މޫނުމައްޗަށް ގެއްލުންތަކެއް ލިބި އިތުރު ފަރުވާ ބޭނުންވާތީ މާލޭ ފޮނުވާލީ އިއްޔެ މެންދުރު ކަމަށެވެ.

ސާދިމް އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. ނަމަވެސް ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް އެ ހޮސްޕިޓަލުން ސާދިމް ބެލި ޑޮކްޓަރުން ލަފާދިނުމުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އައްފާލް ސަން އަށް ވިދާޅުވީ ނާރުގެ ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ސާދިމަށް އައިސީޔޫގައި ފަރުވާދެމުން ދާކަމަށާއި، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

އައްޑޫގައި މީގެ ކުރިންވެސް ބާރު ސްޕީޑްގައި ސައިކަލު ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ.