" އަހަންނާއި އަހަރެންގެ ފިރިމީހާ އަކީ ވެސް މިހާރު މުސްލިމުން. އަހަރެމެން އިސްލާމްވީ ރޯދަމަހެއްގެ ތެރޭގައި" ކެނެޑާގެ އެންގްލިކަން ކްރިސްޓިއަން އާއިލާއަކަށް ނިސްބަތްވާ ޓީނާ ބުންޏެވެ.

މީގެ މީގެ ހަތްވަރަކަށް އަހަރު ކުރީން އިސްލާމްދީނުގެ ހިދާޔަތު ލިބުނު ޓީނާ ބުނީ އޭނާ އިސްލާމްދީން ގަބޫލުކުރަން މެދުވެރިވި ސަބަބަކީ ހިޖާބު ކަމަށާއި، މުސްލިމު އަންހެނުން ދޫކޮށް ހެދުން އަޅާފައި ތިބޭތީ ތަފާތު އިހްސާސްތަކެއް ކުރެވެން ފެށުން ކަމަށެވެ. އެގޮތަށް ދޫކޮށް ހެދުން އަޅައި ހިޖާބު އަޅައި ނިވާވެ ރައްކާތެރިވެގެން ތިބޭއިރު މާތްކަން އިހުސާސްކުރެވެން ފެށި ކަމަށެވެ.

ޓީނާ ބުނީ މުސްލިމް އަންހެނުންގެ ހެދުން އަޅާ ސްޓައިލާއި، އަދި ހިޖާބާ ދޭތެރޭގައި އުފެދުނު ޝައުގުވެރިކަމާއެކު އެކަމާ ގުޅޭގޮތުން ދިރާސާ ކުރަން ފެށި ކަމަށެވެ. އަދި އޭގެ ފަހުން އޭނާ އަދި ފިރިމީހާވެސް އިންޓަނެޓް މެދުވެރިކޮށް ދިރާސާތަށް ކުރާ ކަމަށާއި، ހަދީސްތަށް ވެސް ކިޔައި ހެދިކަމަށް ޓީނާ ބުންޏެވެ.

ޓީނާގެ ފުރަތަމަ ހިޖާބު

ޓީނާއަށް ފުރަތަމަ ހިޖާބެއް ލިބުނީ އޭނާ ފުރަތަމަ މިސްކިތަށް ދިޔަ ދުވަހު އެވެ. އެދުވަހު އޭނާއަށް ހިޖާބެއް ހަދިޔާ ކުރީ މިސްކިތުގައި ކުރި މާތް އަންހެނެއް ކަމަށް ޓީނާ ބުންޏެވެ. އަދި އެ ހިޖާބާ މެދު އަބަދުވެސް ފަހުރުވެރިވާ ކަމަށް ޓީނާ ބުނެފައިވެ އެވެ.

އެދުވަހު މިސްކިތުގައި މީހުން ނަމާދު ކުރާތަން ފެނުމުން ޓީނާގެ ހިތުގައި ބިރުވެރިކަން އުފެދުނު ކަމަށާއި، ބޮޑަށް ބިރުގަތީ އޭނާގެ ސަބަބުން އެތަނުން މީހަކަށް ގެއްލުމެއް ލިބިދާނެތީ ކަމަށްވެސް ޓީނާ ބުންޏެވެ.

" އެކަމަކު އެދުވަހު އަހަންނަށް ނުވިސްނުނު އެއްޗަކީ، އެތާ ނަމާދު ކުރަން ތިބި މީހުންނަކީ އަވަސް މުސްތަގްބަލެއްގައި އަހަރެންގެ އަހުންނާއި އުހުތުންނަށް ވާން ތިބި ބައެއްކަން، الحَمْد لله" ޓީނާ ބުންޏެވެ.

އިސްލާމް ދީން ގަބޫލު ކުރުމަށް ފަހުވެސް ފުރަތަމަ އެއް އަހަރު ޓީނާ ހިޖާބު ބޭނުމެއް ނުކުރެ އެވެ. ނަމަވެސް އޭގެ ފަހުން ޓީނާ ހިޖާބު ބޭނުން ކުރަން ފެށީ، އޭނާގެ ހިތާއި ސިކުނޑި އަދި ނަފްސު ފޮރުވުމަށް އެންމެ ރަނގަޅު ގޮތަކީ އެއީކަން ވިސްނުމުން ކަމަށްވެސް ޓީނާ ބުންޏެވެ.

" މިހާރު އަހަރެން ހިޖާބު ނާޅައި ބޭރަކަށް ނުދަން،" ޓީނާ ބުންޏެވެ.

އިސްލާމް ދީން ގަބޫލުކުރި ދަތުރުގެ ތަޖުރިބާ

" އިސްލާމްދީން ގަބޫލުކުރުމުގައި އެއްވެސް ކަހަލަ ގޯސް ތަޖުރިބާއެއް ނުކުރެވޭ،" ޓީނާ ބުންޏެވެ.

ކެނެޑިއަން އެންގްލިކަން ބެކްރައުންޑެއް ހުރި ޓީނާ އާއި އޭނާގެ ފިރިމީހާ އިސްލާމް ދީން ގަބޫލުކުރުމަށް ފަހު އެއްވެސް ގޮތަކަށް ކްރިސްޓިއަން ޗާޗްތަކަށް ނުވަންނަ ކަމަށް ޓީނާ ބުންޏެވެ. އަދި އެމީހުންގެ މައިން ބަފައިންނަށް ވެސް މަޑުމަޑުން އެކަން ހަޖަމްކުރެވެމުންދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު އޭނާއަކީ ގަވާއިދުން ޤުރުއާން ކިޔަވައި، ފަސްވަގުތު ނަމާދުކޮށް އިސްލާމްދީނުގެ އެންމެހައި ރުކުންތައް ފުރިހަމައަށް ގަބޫލުކޮށް އެގޮތަށް އުޅެމުންދާ މުސްލިމް އަންހެނެއް ކަމަށް އޭނާ ބުންޏެވެ.

ޓީނާގެ އެދުމަކީ ހިޖާބާ ބެހޭގޮތުން ހުރިހާ ފަރާތްތަކުންވެސް ދިރާސާ ކުރުމެވެ. ޓީނާ ބުނީ އިސްލާމް ދީން ގަބޫލުކުރުމަށް އޭނާ ކުރި ދަތުރުގައި ވަރަށް މާތް މީހުންނާއި ދިމާވެފައި ވާ ކަމަށާއި، އޭނާއަށް ލެއްވި ރަހުމަތްތަކަށް ﷲ އަށް ޝުކުރުވެރިވުން މަތީ އަބަދުވެސް ދެމި ހުންނާނެ ކަމަށެވެ.