23 Jun 2015, 11:14
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފީ ޝަރީއަތްތަކުގެ މިއަދަށް ތާވަލު ކުރި ޝަރީއަތް ކެންސަލްކޮށްފި އެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
ޝަރީއަތް ކެންސަލް ކުރި ވަކި ސަބަބެއް އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް މިއަދު 11 ޖަހާއިރަށް ތާވަލުކުރި ޝަރީއަތް ކެންސަލްކޮށްފައި މިވަނީ ނާޒިމްގެ އިސްތިއުނާފުގެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އައްބާސް ޝަރީފާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރުމަށް އިއްޔެ ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށެވެ.
އެ ދެ ފަނޑިޔާރުންގެ އިތުރުން ދެން އެ ބެންޗުގައި ތިއްބަ ވަނީ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އެވެ.
ނާޒިމްގެ އިސްތިއުނާފީ މަރުހަލާގައި މިހަފްތާތެރޭގައި ވަނީ ދެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފަ އެވެ. ފުރަތަމަ އަޑުއެހުމުގައި ނާޒިމްގެ ފަރާތުން މައްސަލަ ހުށަހަޅުއްވަމުން ގިނަ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. އިއްޔެ ބޭއްވި ޝަރީއަތުގެ ދެވަނަ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ އެނުުކުތާތަކަށް ޖަވާބުދާރީވެފަ އެވެ.