23 Jun 2015, 11:52
ޖެނީވާ (ޖޫން 23) : ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު ނިއުކްލިޔާ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ މަޝްވަރާތައް ވަރަށް ބާރުމިނެއްގައި ޖެނީވާގައި ކުރިޔަށްދާ ކަމަށާ މި ޖޫންމަހުގެ 30 ގެ ކުރިން މިކަމާބެހޭ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދެވޭނެކަމުގެ އުންމީދު ބޮޑުކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމަށް ޖެނީވާގައި ކުރިޔަށްދާ ވަހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އެގައުމުގެ ވަފްދުގެ ވެރިޔާ އަދި ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ ހައްލުކުރަން ޖެހޭ މައްސަލަތައް އަދި ވެސް އެބަހުރި ކަމަށާއި މީގެ ތެރޭގައި ފަންނީ މައްސަލަތަކާއި ސިޔާސީ މައްސަލަތައް ވެސް ހިމެނޭކަމުގަ އެވެ. މިމައްސަލަތަކާއެކު ވެސް ދާއިމީ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށް އީރާނުގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާރުތައް ވެސް ބޭނުންވާ ކަމަށާއި ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތްކުރަނީ މިމަގްސަދް ހާސިލް ކުރުމަށް ކަމަށް ޒަރީފް ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޙައްލު ކުރުމަށް އުނދަނގޫވެފައިވާ މައްސަލަތަކުގެ ތެރޭގައި އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ތާރީޚުތައް ކަނޑައެޅުމާއި ހަތިޔާރު ވިއްކުން މަނާކުރުމުގެ ފިޔަވަޅުތައް އުވާލާނެ މިންވަރު ހިމެނެ އެވެ. ނިއުކްލިޔާ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔަ ނަމަވެސް ނިއުކްލިޔާ ހަތިޔާރާއި ކެމިކަލް ހަތިޔާރު ފަދަ ފަނާކުރަނިވި ހަތިޔާރާ ބެހޭ އެއްވެސް މާއްދާއެއް އީރާނަށް ވިއްކުން މަނާކުރުމަށް ހުޅަނގުގެ ބާރުތައް ބޭނުންވާ އިރު އީރާނުން ބޭނުންވަނީ ހަތިޔާރާދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައްވެސް އުވާލުމަށެވެ. އިގްތިސާދީ ފިޔަވަޅުތައް އުވާލުމަށް ހުރިހާ ފަރާތްތަކަކުން ވެސް ބޭނުންވާ އިރު މިކަމުގައި މައްސަލައަކީ ފިޔަވަޅުތައް އުވާލާނެ ތާރީޚުތަކަކަށް އެއްބަސްވުމެވެ.
މި މަހުގެ 30 ގެ ކުރިން ދާއިމީ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެ ނަމަ ވާހަކަތަކުގެ މުއްދަތު އިތުރުކުރުމާމެދު ބޮޑެތި ބާރުތަކުން ވިސްނަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. މި މަހުގެ 30 ގެ ކުރިން ދާއިމީ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެ ނަމަ އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގެ މުއްދަތު އިތުރުކުރެވިދާނެ ކަމުގެ އިޝާރާތެއް އެމެރިކާއިން ވެސް ވަނީ ދީފަ އެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން ނިއުކްލިޔަރ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔުމާމެދު ކަންބޮޑުވަނީ ދެގައުމަކުންނެވެ. އެއީ ސައޫދީ އަރަބިޔާއާއި އިސްރާއީލުންނެވެ. ނިއުކްލިޔަރ ދާއިމީ އެއްބަސްވުމަކާއެކު ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތްވުމުން މުޅި މެދުއިރުމަތީގެ ސަރަހައްދަށް އީރާން ބާރުފޯރުވައި ޓެކްނޮލޮޖީގެ ގޮތުންނާއި އަސްކަރީ ގޮތުންނާ އަދި އިގްތިސާދީ ގޮތުން ސަރަހައްދުގެ އެންމެ ބޮޑު ބާރަށް އީރާން ވެގެންދާނެ ކަމަށް މިދެގައުމު ދެކެއެވެ. (ރޮއިޓާސް)