ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑޯ ފުޓްބޯޅަ ކުޅުމާ ދުރަށްދިއުން ރަސްމީ ފާހަގަ ކުރުމަށް ގައުމީ ޓީމާއެކު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗު އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ކުޅެން ހަމަޖައްސައިފި އެވެ.

ދެ ފަހަރެއްގެ މަތީން ބްރެޒިލަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދީ އެ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ރޮނާލްޑޯ، 35، ފުޓްބޯޅަ ކުޅުން ހުއްޓާލީ ހުސްވި މަހު އެވެ. އެއީ އޭނާ އަށް ލިބިފައިވާ އަނިޔާތަޖުގެ ސަބަބުން އިތުރަށް އެންމެމަތީ ފަންތީގެ ފުޓްބޯޅަ ކުޅެން ދަތިކަމަށް ބުނެ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ރިކާޑޯ ޓެއިޒެއިރާ ބުނީ ރޮނާލްޑޯ އަކީ ފެއާވެލް މެޗެއް ހައްގު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ވަދާއީ މެޗު ވަރަށް ކުލަގަދަ ކުރާނެ ކަމަށެވެ.

ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ ކުރިން ބްރެޒިލްގެ ފެޑަރޭޝަނުން ފެއާވެލް މެޗުތަކެއް ހަމަޖައްސައިދީފައިވަނީ ޒިކޯ އާއި ޕެލޭ އަދި ރޮމާރިއޯއަށެވެ.

ވަދާއީ މެޗުގައި ބްރެޒިލެގެ ގައުމީ ޓީމާ ދެކޮޅަށް ކުޅޭނީ ރޮނާލްޑޯ ކުޅުނު ކުލަބުތަކުން ހޮވާލެވޭ ކުޅުންތެރިންގެ ޓީމެކެވެ. މި ޓީމުގެ ކެޕްޓަނަކަށް ހުންނާނީ ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީންޒިދާނެވެ.
މި މެޗުގައި ލުއިސް ފީގޯ އާއި ޑޭވިޑް ބެކަމް އަދި ކްރިސްޓިއަން ވިއޭރީ އާއި ފްރޭންޑް ޑިބޯ އަދި ބާސެލޯނާގެ ކޯޗު ޕެޕް ގާޑިއޯލާގެ އިތުރުން ރޮމާރިއޯ ފަދަ ބްރެޒިލްގެ ތަރިން ވެސް ފެނުން އެކަށީގެންވެ އެވެ.