އޮގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ނުވަ ބައި އިލެކްޝަނަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީސީ) އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މުއްދަތު އިތުރު ކުރި ނުވަ ބައި އިލެކްޝަންގެ ދާއިރާތަކަކީ ހއ. ދިއްދޫ ކައުންސިލާއި ހއ. މުރައިދޫ ކައުންސިލާއި ހދ. ނައިވައިދޫ ކައުންސިލާއި ށ. ކަނޑިތީމް ކައުންސިލްގެ އިތުރުން ނ. ހެނބަދޫ ކައުންސިލާއި ކ. މާފުށި ކައުންސިލެވެ. އަދި މީގެ އިތުރުން ތ. މަޑިފުށި ކައުންސިލާއި މ. އަތޮޅު ކައުންސިލް (ދިއްގަރު ދާއިރާ)ގެ ބައި އިލެކްޝަނަށް ކުރިމަތި ލުމުގެ މުއްދަތު ވެސް ވަނީ އިތުރު ކޮށްފަ އެވެ.

އީސީސީ އިން ބުނީ މުއްދަތު އިތުރު ކުރުމަށް ނިންމީ ރަމަޟާން މަހުގެ ރަސްމީ ގަޑިއަކީ ދުވާލަކު ހަތަރު ގަޑިއިރު ކަމަށްވާތީ ބައި އިލެކްޝަންތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ކޮމިޝަނަށް ފެންނާތީ ކަމަށެވެ.

އެ ކޮމިޝަނުން އޭޕްރިލް ނުވަ ވަނަ ދުވަހު ކޮށްފައިވާ އިއުލާންގައިވާ ގޮތުން ދާއިރާތަކުގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. ނަމަވެސް ކޮމިޝަނުން އިއްޔެ ނެރުނު އިއުލާނުގައިވާ ގޮތުގެ މަތިން މުއްދަތު ވަނީ ޖޫން 25 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފަ އެވެ.