23 Jun 2015, 00:34
އެމްޑީޕީގެ ހަރުގޭގައި އެ ޕާޓީގެ ނައިބު ރައީސް ޝިފާޒު މުހައްމަދު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ފުލުހުން އެތަނަށް ވަދެ، އޭނާ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ ޝިފާޒު ހައްޔަރު ކުރީ އަޑުގަދަ ކުރާ ބޭނުން ކުރުން މަނާ ވަގުތެއްގައި ސައުންޑް ސިސްޓަމް ބޭނުންކޮށްގެން އާންމުންނަށް އުނދަގޫވާ ގޮތަށް ވާހަކަފުޅު ދެއްކެވުމުން ކަމަށެވެ.
އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަޑުގަދަ ކުރާ ބޭނުންކޮށްގެން ދަންވަރު އަޑުގަދަ ކުރުމަކީ މަނާކަމެވެ. ޝިފާޒު ހައްޔަރު ކުރީ ބޮޑުތަކުރުފާނު މަގު، އާޓްފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީ ހަރުގޭގައި 11:00ގެ ފަހުން އަޑުގަދަ ކުރާ ބޭނުންކޮށްގެން ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށެވެ.
އެމްޑީޕީ ހަރުގެއަށް ފުލުހުން ވަނީ ކޯޓު އަމުރެއް ވެސް ނެތި ކަމަށް، އެމްޑީޕީން ބުންޏެވެ. އަދި އެ އަމަލަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒު ފަހުމީ (އިންތި) މިރޭ ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ހަރުގެއަށް ފުލުހުން ވަނީ ކޯޓު އަމުރެއް ނެތި ކަމަށެވެ. އެފަދަ ތަންނަކަށް ކޯޓު އަމުރަކާ ނުލައި ވަދެވޭނެތޯ ސުވާލު ކުރުމުން ފުލުހުންގެ އޮފިޝަލް ޖަވާބެއް ނުދެއްވި އެވެ.
މުޒާހަރާތަކުގައި 11:00ގެ ފަހުން އަޑުގަދަ ކުރާ ބޭނުން ކުރުން ފުލުހުން ވަނީ މަނާކޮށްފަ އެވެ. އަދި 12:00ގެ ފަހުން، މުޒާހަރާ ކުރާ ނަމަ އެ މުޒާހަރާއެއް ރޫޅާލާނެ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.