އިހަށް ދުވަހު ޓޫރިސްޓަކް މާލޭގެ މަގެއްގެ މަތީ ހިނގާފައި ދަނިކޮށް ބޮޑުކަމު ދެވުނީ އެވެ. އެ ޓޫރިސްޓު މީހާ ނަޖިހުން ފޯވި އެވެ. ރޯމާ ދުވާލު ހިނގި އެ ހާދިސާގައި މަގުގައި ވެސް ހުސް ނަޖިހެވެ. އެ މަންޒަރު ބަޔަކު ފޮޓޯ ވެސް ނެގި އެވެ. އެ އަށް ފަހު ސޯޝަލް މީޑިއާގައި އެ ފޮޓޯ ދައުރު ކުރި އެވެ. ވަރަށް މަޖާ ކަމަކަށް އެކަންވެގެން ދިޔަ އެވެ. އެއް ބަޔަކަށް އެކަން ކިތަންމެ މަޖާވި ނަމަވެސް އެއީ ހާލަތު އޮތް ހިސާބެވެ. އެޓޫރިސްޓް މީހާ އަށް ގަޔަށް ބޮޑުކަމު ދިއުން ނޫންގޮތެއް ހަމަނެތީ އެވެ.

ދުނިޔޭގެ ސުވަރެގެއޭ، އެކަނި ބުނެ، އަންނާށޭ ބުނެ 43 އަހަރުވީ ފަތުރުވެރިކަން އިސްތިހާރު ކުރަމުންދާ އިރު ރާއްޖޭގެ ވެރިކަން ކުރާ ރަށުގެ ހާލަތު މިހާ ހިސާބަށް ދިއުމުން މިއީ ލަދުވެތި ކަމެކެވެ. އަހަރެއްގެ މައްޗަށް އެއް މިލިއަން ޓޫރިސްޓުން އަންނަ ގައުމުގެ ވެރިކަން ކުރާ ރަށުގައި ޓޫރިސްޓުންނަށް ހާއްސަ ފާހާނާތަކެއް ގާއިމު ކުރެވިފައެއް ނެތެވެ. އާންމު ދުވަސްދުވަހު މަދުވެގެން މާލެއަށް 200 ވަރަކަށް ޓޫރިސްޓުން ޓުއާތަކަށް އާދެ އެވެ. ކުރޫޒް ލައިންތައް އަންނަ ދުވަސްދުވަހު އެއަދަދު ހާހުން އިތުރެވެ. މިވަރުން ޓޫރިސްޓުންނަށް އެކަށީގެންވާ މެހެމާންދާރީއެއް ކިޔާނީ ކިހިނެއްތޯ އެވެ.

ޕޭ ޓޮއިލެޓޭ ކިޔައި އާއްމުކޮށް އެންމެންނަށް ހުޅުވާލާފައި ހުންނަ ފާހާނާތަކެއް ހުރި އިރު އެތަންތަނުގެ މުޑުދާރުކަން އިންތިހާ އެވެ. އެތަންތަން ބަލަހައްޓާ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި އެއީ މަސްތުވާތަކެތި ބޭނުން ކުރުމާއި ބަދުއަހުލާގީ އަމަލުތައް ހިންގުމުގެ މަރުކަޒުތަކެވެ. އެތަންތަނަށް ޓޫރިސްޓަކު ވަދެފި ނަމަ އެއީ އިތުރު ލަދެކެވެ.

"އަހަރެން އަބަދު ސާފު ކުރަނީ، އެކަމު ހަކުރު ބޯ މީހާ އައިސް ހަޑި ކުރަނީ. ހަލާކު ކުރަނީ." އެމްއެމްއޭ ފުރަގަހުގައި ހުންނަ ޕޭ ޓޮއިލެޓް ބަލަހައްޓާ ބިދޭސީ މީހާ ބުންޏެވެ.

މާލޭގައި އާއްމު ފާހާނާ ނުވަތަ "ޕޭ ޓޮއިލެޓް"ގެ ގޮތުގައި ހައެއްކަ ފާހާނާ ބަރި ހުންނަ އިރު އެއީ އިންތިހާއަށް ނަޖިސް ތަންތަނެވެ. ފާހާނާގެ ތިން ފާރާއި ދޮރުފަތްތަކުގައި ހުންނަނީ ހުތުރު ބަހުން ލިޔެފުރާފަ އެވެ.

ފާހާނާގައި ދޮރުހުރިއްޔާ ތަނޑެއް ނުހުރެ އެވެ. ފާހާނާ ތައްޓަށް ނުވަތަ ފުލެޝްޓޭންކަށް ގެއްލުމެއް ނުދީ ހުންނާނީ މަދު ފާހާނާއެއްގަ އެވެ. ތަނުގެ ވެންޓިލޭޝަން އެހާ ދަށެވެ. މުޅި ތަޅުންގަނޑު އޮންނަނީ ދަމިލަވެފަ އެވެ. ފާހާނާތަކުގެ ވަހާއި ކުލަ އެހާ ނަޖިހެވެ. އެފާހާނާތަކަށް ޓޫރިސްޓަކު ވަދެފި ނަމަ އެއީ ރާއްޖެ ލަދު ގަނަން ޖެހޭ ކަމެކެވެ.

"އެފާހާނާތަކަކީ އިންސާނުންނަށް ވަދެވޭ ވަރު ތަންތަނެއް ނޫން، ދޮރެއް ނުހުރޭ، އެތަންތަނަށް ވަންނަން ޖެހޭނީ ބޫޓު ބާލާފައި، ޓިޝޫއެއް ނުހުންނާނެ. ޓޫރިސްޓުން ވިއްޔާ ޓިޝޫ ބޭނުންވާނެ، ރީތި ފެނެއް ނުލިބޭނެ ލޮނުފެން ލިބޭނީ،" އާއްމު ފާހާނާގެ ހާލަތު ކިޔައިދެމުން ޓުއާ ގައިޑަކު ބުންޏެވެ.

ޓޫރިސްޓުންގެ އިތުރުން މާލޭގެ އެކި އަވައްތަކުންނާއި މާލެ އަށް ޒިޔާރާތް ކުރާ އަތޮޅުތަކުގެ މީހުންނާއި އެކި ބޭނުންތަކުގައި މަގުތަކުގައި އުޅޭ ދިވެއްސަކު ފާހާނާއަކަށް ދާންޖެހިގެން ވެސް އެފާހާނާތަކަށް ނުވަދެވޭ ވަރަށް ގިނަ ފާހާނާތަކުގެ ހާލަތު އެވަނީ ގޮސްފަ އެވެ. ދެން ޓޫރިސްޓުންނަށް އަދި އޮތީ ކޮން ގޮތެއްތޯ އެވެ.

ޓޫރިސްޓު މީހާ މިވަނީ މި މާލޭގައި ބީރައްޓެއްސަކަށްވެފަ އެވެ. ފާހާނާ ކުރެވެން ވެސް އޮތީސް އާދޭސްކޮށްގެންނެވެ. ޓޫރިސްޓުން ގޮވައިގެން އުޅޭ ޓުވާގައިޑުން ބުނާ ގޮތުގައި ޓޫރިސްޓުން ފާހާނާއަށް މިހާރު ބޭނުން ކުރަނީ ރެސްޓޯރެންޓްތަކުގެ ފާހާނާ އާއި ފުލުހުންގެ ހެޑް އޮފީހުގެ ފާހާނާގެ އިތުރުން ގެސްޓް ފިހާރަތަކުގައި ހުންނަ ފާހާނާތައް ކަމަށެވެ.

"ރަށު ތެރޭ އުޅެމުން ފާހާނާއަށް ވައްދަން ޖެހެނީ ފުލުސް އޮފީހަށް ދެން ނޫނިއްޔާ ރެސްޓޯރެންޓަކަށް. އެއްވެސް ރެސްޓޯރެންޓެއްގެ މީހުން ވެސް ބޭނުމެއް ނުވާނެ ދޯ ބަޔަކު އައިސް ފާހާނާ ކޮށްލައިގެން ދާކަށެއް. އެއީ ކަސްޓަމަރުންނަށް ހަދާފައި ހުންނަތަންތަން އެމީހުން ބޭނުމެއް ނުވާނެދޯ ޕަބްލިކް ތަނަކަށް ހަދާކަށް." ދިމާވާ ދަތިތައް ހިއްސާ ކުރަމުން ޓުއަ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިޔާމު ވިދާޅުވި އެވެ.

މާލޭގެ ފާހާނާ ބަރިތަކަކީ ކުރީގެ ސިޓީ ކައުންސިލް އިން އަމިއްލަ ބަޔަކާއި ހަވާލުކޮށްފައިވާ ތަންތަނެވެ. އެތަންތަން އެފަރާތްތަކާ ހަވާލުކޮށްފައި ވަނީ ރަނގަޅަށް ބަލަހައްޓައި އެކަށީގެންވާ ހިދުމަތެއް ދިނުމަށް ޝަރުތުކޮށެވެ. ނަމަވެސް އެގޮތަށް އެކަމެއް ވެގެނެއް ނުދެ އެވެ.

މާލޭ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ އެފާހާނާ ބަރިތައް ހުރީ ކުރީ ކައުންސިލް އިން ހަވާލުކުރި ގޮތަށް ކަމަށެވެ. އެތަންތަން ކުރިން ސިޓީ ކައުންސިލް އިން ބަލަހައްޓަމުން އައި ކަމަށާއި ނަމަވެސް މިހާރު އެކައުންސިލްގެ ބާރުތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އެކަން ވާން ނެތް ކަމަށް ޝިހާބު ވިދާޅުވި އެވެ.

ޓޫރިސްޓުންނާއި އާއްމުން ނަށް ހަދާފައިހުރި ފާހާނާތަކުގެ ހާލަތު -- ސަން ފޮޓޯ: ޔޫސުފް ސޮއްވާން

މާލެއަށް ވެސް ހުތުރަކަށްވެފައިވާ ފާހާނާތަކުގެ މައްސަލާގައި ހައުސިން މިނިސްޓްރީގެ އެކްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުގައި ހުރި ފާހާނާތަކަކީ ސިޓީ ކައުންސިލް އިން ބައެއް ފަރާތްތަކާ ހަވާލުކޮށްފައިވާ ތަންތަން ކަމުން އެކަން ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ.

އެފަދަ ފާހާނާތައް ޓޫރިސްޓުންނަށް އަމާޒު ކުރެވިފައި ނުހުންނާތީ އެކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެގޮތުން އާޓިފިޝަލް ބީޗުގައި ހުރި ފާހާނާތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޓޫރިސްޓުންނަށާއި އަޅުގަނޑުމެން ލޯކަލްއަށް ވެސް ބޭނުން ކުރެވޭނެ ސްޓޭންޑަޑުގައި ހުންނާނީ މަރާމާތުތައް ނިމިގެން ދިޔައީމާ. އެއިންފޮމޭޝަންތައް ގާއިމް ކުރެވިފައި،" ޝަރީފް ވިދާޅުވި އެވެ.

ޓޫރިސްޓުންނަށް ފާހާނާ ކުރެވޭނެ ރަނގަޅު ވަސީލަތެއް ގާއިމް ކުރެވިފައި ނެތްތާ އެ ޓޫރިސްޓުން މަޑުކޮށްލާނެ ރަނގަޅު ތަނެއް ވެސް ހަމަޖެއްސިފައެއްނެތެވެ. ވާރޭ ވެހިއްޖެ ނަމަ ޓޫރިސްޓް މީހާ ވެސް ހުންނަން ހަމަޖެހެނީ ކޮންމެވެސް އިމާރާތެއްގެ އަސްކަނި ދަށުގަ އެވެ. ދެން ވަރުބަލިވެގެން އިށީދެލަން ހުންނަ ތަނަކީ ސަލްޓަން ޕާކެވެ. އެތަނުގެ ހާލަތު ވެސް ހުރީ ލަދުވެތި ހާލަތެއްގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެސިސްޓެޓް ޑިރެކްޓަރު އަހުމަދު އަބީރު އިސްމާއިލް ވިދާޅުވީ މާލެ އަންނަ ޓޫރިސްޓުން އާންމުކޮށް އުޅޭ ސަރަހައްދުން ބިމެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މިނިސްޓްރީގެ ވިސްނުމަކީ އެހިސާބުގައި ޓޫރިސްޓުންނަށް ހާއްސަ 10 ވަރަކަށް ފާހާނާއާ އެކު ޓޫރިސްޓުން މަޑުކޮށްލައިގެން ތިބެވޭނެ ރަނގަޅު ތަނެއް ހެދުން ކަމަށެވެ. މިހާރު އެ ޕްރޮޖެކްޓް އޮތީ ބިމެއް ލިބެންދެން ހުއްޓިފައި ކަމަށް އަބީރު ވިދާޅުވި އެވެ.

އިސްވެ ފާހަގަ ކުރި ކަންކަމަކީ ޓޫރިޒަމް މިހާ ފުޅާވެފައިވާ ގައުމެއްގެ ވެރިރަށުން ފެންނަން ޖެހޭ ކަންކަމެއް ނޫނެވެ. އަވައްޓެރި ގައުމުތައް އެގައުމުގެތަކުގެ ވެރިރަށުން މިސާލު ދައްކައި ޓޫރިޒަމް އިސްތިހާރު ކުރަމުންދާ އިރު ރާއްޖެ މިވަނީ ލަދުވެތި ހާލަތެއްގަ އެވެ. މިކަންކަމުގެ ސަބަބުން ނުކިއްސަރު ކަމެއް ހިނގައިފި ނަމަ އެއީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ އަނދަވަޅަކަށް ވެއްޓިދާނެ ކަމެކެވެ. އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން މިހާރުން މިހާރަށް އަވަސް ފިޔަވަޅުތަކެއް އެޅެން ޖެހެ އެވެ. މިފަހަރު މިނިމުނީ ޓޫރިސްޓް މީހާއަށް މަގުމައްޗަށް ބޮޑު ކަމުދެވިގެންނެވެ. މިކަމުން އިބްރަތެއް ލިބިގަނެ އެފަދަ އެހެން ގޮންޖެހުންތަކުން ސަލާމަތްވާން ޖެހެ އެވެ.