އިއްޒިއްދީނު މަގުން، ހައުސިން މިނިސްޓްރީ އާއި ދިމާލުގައި ހުރި ޖަންކްޝަންތަކުން ނަޖިސް ފެން ބޭރުވާ މައްސަލަ ހައްލުކޮށްފި އެވެ.

މީގެ ތިން ދުވަސް ކުރިން ހައުސިން މިނިސްޓުރީ ކައިރި، އިއްޒުއްދީނު މަގުގުގައި ހުރި ޖަންގްޝަންތަކުން ނަޖިސް ފެން ބޭރުވުމުން އެ ސަރަހައްދުން ވަރަށް ބޮޑަށް ކުނި ވަސް ދުވި އެވެ. އެ ސަރަހައްދުގައި ހުރި ޖަންގުޝަންތަކަށް ޖަމާވަނީ ހާބަރު ސަރަހައްދުގައި ހުންނަ ކެފޭ ހޮޓާތަކުން ދޫކުރާ ނަޖިހެވެ.

ޖަންގްޝަންތައް ބަލަހައްޓާ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ފަޒީލު އަހުމަދު ވިދާޅުވީ އެ ސަރަހައްދުގެ ޖަންކްޝަންތަކުން ފެން ލީކްވާ މައްސަލަ މިއަދު ހައްލުކޮށް އެސަރަހައްދު ސާފުކޮށްފައިވާ ކަމަށެވެ.

"މިހާރު ހައްލުވެއްޖެ، ދެން ކެފޭ ތަކުން އަންނަ ފެން ލީކެއް ނުވާނެ، އެ ސަރަހައްދު ސާފްކޮށް ނިންމައި ކުލޮރިން އަޅައި ހުރިހާ ކަމެއް ނިމިއްޖެ،" ފަޒީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ދިމާ ވަނީ ޖަންކްޝަންތައް ބެދުމުން ކަމަށެވެ.

ޖަންކްޝަން ފެންލީކްވާ މައްސަލަ ފެންމަތިވެފައިވާ އިރު މި މަހު 15 ވަނަ ދުވަހު ވެސް ވަނީ މައްޗަންގޮޅި ދިލްބަހާރު މަގުގެ ޖަންކްޝަނަކާއި ގަލޮޅު ފާށަނާކިލޭގެ މަގުގެ ޖަންކްޝަނަކުން ނަޖިސްތައް މަގު މައްޗަށް ލީކްވެ އެ މަގުތައް ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވެ އެވެ.