ސިޔާސީ ގޮތުން ކުރިމަތިވާ ފިއްތުންތަކާއި ރަނގަޅު ނަތީޖާ ނުނެރެވޭތީވެ އެފްރިކާ އަށް ވޯލްޑް ކަޕުން ލިބޭ ޖާގަ މަދުކުރަން ފީފާއިން މަޝްވަރާކުރަން ފަށައިފި އެވެ.

2014 ވަނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕުން އެކިބައްރުތަކަށް ދޭނެ ޖާގަ ފީފާއިން ނިންމާނީ މިއަދުގެ ވަގުތެއްގަ އެވެ. މިކާ ގުޅިގެން މިހާރު ދެ ދުވަހުގެ މަޝްވަރާތަކެއް ކުރިއަށް އެބަދެ އެވެ.

ސައުތު އެފްރިކާގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި މުބާރާތް ބާއްވާ ގައުމަށް ލިބުނު ޖާގައާއެކު އެފްރިކާގެ ހަ ގައުމެއް ވާދަ ކުރި އެވެ. ނަމަވެސް ދެ ވަނަ ބުރުން ޖާގަ ލިބުނީ ގާނާ އަށް އެކަންޏެވެ. ނަމަވެސް ކުރިއަށް އޮތް ވޯލްޑް ކަޕުން އެފްރިކާއަށް ލިބޭނީ ފަސްޖާގަ އެވެ. ނަމަވެސް މި އަދަދު މަދުވެދާނެ ކަމުގެ އިޝާރާތެއް ފީފާއިން ވަނީ ދީފަ އެވެ.

ސަބަބަކީ ފީފާ އަށް ގިނަ ޕްރެޝަރަތަކެއް ކުރިމަތިވަމުންދިއުމާއެކު އެފްރިކާގެ ޓީމުތަކަށް ނަތިޖާ ނުނެރެވުމެވެ. ޖާގަ އިތުރުކޮށްދިނުމަށް ފީފާ އަށް އެންމެ ބޮޑަށް ޕްރެޝަރު ކުރަނީ އޭޝިޔާއިންނެވެ. މިހާރު ލިބިފައިވާ ހަތަރު ޖާގަ އާއި ބައި ފަސް ޖާގައާ ބަޔަށް ހަދައިދިނުމަށް އޭޝިޔާ ބޭނުންވާއިރު މިކަން މިގޮތަށް ވުން ވަރަށް ގާތެވެ. އެއީ ފިފާގެ ރައީސް ކަމަށް ސެޕް ބްލެޓާއަށް އެންމެ ބޮޑު ފިއްތުމެއް ކުރިމަތިވަމުން އަންނަނީ އެ މަގާމަށް ކުރިމަތިލާން ތައްޔާރުވަމުންދާ އޭ.އެފްސީގެ ރައީސް ގަތަރުގެ މުހައްމަދު ބިންހައްމާމުގެ ފަރާތުން ކަމަށްވާތީ އެވެ.

މީގެ އިތުރުން ކޮންކާކަފާއި އުތުރު އެމެރިކާ އަދި ކެރީބިއަން އިން ވެސް ވަނީ އެ މީހުންނަށް ލިބިފައިވާ ތިނެއް ބައި ޖާގަ އިތުރުކޮށްދިނުމަށް އެދިފަ އެވެ.

މި ފަހަރު ދެކުނު އެމެރިކާ އަށް ހަ ގާޖަ ލިބޭނެ ކަމަށް ބެލެވެ އެވެ. އެއީ ބްރެޒިލަށް އޮޓެމެޓިކް ޖާގަ އެއް ލިބޭތީ އެވެ.