22 Jun 2015, 21:41
ސިވިލް ކޯޓުން އިސްނަގައިގެން ތަންފީޒު ކުރަން ޖެހޭ މައްސަލަތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ މާލީ އިދާރާތަކާއި ދައުލަތް ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކާއެކު މައުލޫމާތު ބަދަލު ކުރުމުގެ ބައްދަލުވުމެއް ސިވިލް ކޯޓުގައި ބާއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކޯޓުގެ ނިންމުންތަކަކީ ހުށަހެޅުމަކާ ނުލައި ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ތަންފީޒުކުރަންޖެހޭ މައްސަލަތަކެއް ކަމުގައިވާއިރު ސިވިލް ކޯޓު ނޫން ތަންތަނަށް ފައިސާ ދައްކަން ޙުކުމް ކުރުމުން، މުއްދަތު ހަމަވާއިރު ފައިސާ ދެއްކިކަން ނުވަތަ ނުދައްކާކަން ކޯޓަށް އަންގާނެ ގޮތަކާ ބެހޭ ގޮތުން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގެ ބައިވެރިން މަޢުލޫމާތު ބަދަލުކޮށްފައިވެ އެވެ.
ކޯޓު އިސްނެގުމަށް ތަންފީޒު ކުރަންޖެހޭ މައްސަލަތަކާ ބެހޭގޮތުން އުސޫލެއް ވަރަށް އަވަހަށް އެކަށައަޅާނެ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
ސިވިލް ކޯޓުން ނިންމާ ފައިސާ ހިމެނޭ މައްސަލަތަކުގައި ފައިސާ ދެއްކުމަށް ކަނޑައަޅަނީ ސިވިލް ކޯޓަށް ނުވަތަ މާލީ އިދާރާއެއްނަމަ އެއިދާރާއަށެވެ.
މިއަދުގެ ބައްދަލުވުމުގައި ސިވިލް ކޯޓު ހިންގުމާހަވާލުވެހުންނެވި ގާޒީ އަބްދުﷲ އަލީ އާއި ސިވިލް ކޯޓުގެ ގާޒީންނާއި ކޯޓުގެ ރަޖިސްޓްރާ ބައިވެރިވެ ވަޑައިގެންނެވި އެވެ.