ޖަރީމާއެއް ހިންގި ކަމަށް ތުހުމަތުކޮށް ޖަރުމަނު ވިލާތުގައި ހައްޔަރު ކުރި އަލްޖަޒީރާގެ ނޫސްވެރިޔާ މިނިވަންކޮށްފި އެވެ.

ބީބީސީ އިން މިރޭ ބުނީ އަލްޖަޒީރާ ނެޓް ވޯކްގެ އަރަބި ބަސް ސާވިސްގައި މަސައްކަތް ކުރާ އަހުމަދު މަންސޫރު ހައްޔަރު ކުރީ ގަތަރަށް ފުރަން ޖަރުމަނުގެ ބާލިން އިން ބޯޓަށް އަރަން އުޅެނިކޮށް ކަމަށެވެ.

މަންސޫރު އަނިޔާވެރި އަމަލެއް ހިންގި ކަމަށް ބުނެ، އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ވަނީ، މިސުރު ކޯޓަކުން ވެސް މިދިޔަ އަހަރު އިއްވައިފަ އެވެ. ނަމަވެސް އަލްޖަޒީރާ އިން ބުނީ އެއީ އެއްވެސް އަސްލެއް ނެތް މައްސަލައެއް ކަމަށެވެ.

އަލްޖަޒީރާގެ ތަރުޖަމާނު ވިދާޅުވީ އޭނާ ދޫކޮށްލުމުން ޖަރުމަނު ވިލާތަށް މަރުހަބާ ކިޔާ ކަމަށާއި އޭނާ ދޫކޮށްލީ އެއްވެސް ޗާޖަކާ ނުލައި ކަމަށެވެ. އަދި މަންސޫރުގެ ގާނޫނީ ވަކީލު ވެސް ވިދާޅުވީ އޭނާގެ މައްޗަށް އިތުރު ތުހުމަތެއް ނެތް ކަމަށެވެ.

މަންސޫރާއި އަދި މުސްލިމް ބްރަދާ ހުޑްގެ ދެ މީހަކު ވެގެން ގާނޫނީ ވަކީލަކަށް އަނިޔާ ކުރި ކަމަށް މިސުރުން ވަނީ ތުހުމަތުކޮށްފަ އެވެ. އެއީ 2011 ވަނަ އަހަރު ތަހުރީރު މައިދާނުގައި ހުސްނީ މުބާރަކާ ދެކޮޅަށް ކުރި ހަޅުތާލުގެ ތެރޭގަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އެ ގާނޫނީ ވަކީލަށް ހަމަލާދޭ މަންޒަރު ފެނެ އެވެ. ނަމަވެސް މަންސޫރު އެކަމުގައި ބައިވެރިވާ ތަނެއް ނުފެނެ އެވެ.

ޖަރުމަނުގެ އިންޓީރިއާ މިނިސްޓްރީ އިން ބުނީ، އިންޓަނޭޝަނަލް ޕޮލިސް ބޮޑީ، އިންޓަޕޯލުން އޭނާ ހައްޔަރުކޮށ ްދިނުމުގެ އަމުރަކަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އަލްޖަޒީރާ އިން ބުނީ މިސުރުގެ އެދުމަށް އިންޓަޕޯލުން ފުރަގަސްދީފައިވާ ކަމަށެވެ.