އަފްޣާންގެ ގާނޫނު ހަދާ މަޖިލީހަށް މިއަދު ޖާނުން ފިދާވެގެން ބަޔަކު ދިން ބާރުގަދަ ކާރުބޮމުގެ ހަމަލާގައި ބައިވެރިވި ހަ މީހުންވެސް ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި މަރާލެވިފައިވާ ކަމަށް ކާބުލް ފުލުހުންގެ ވެރިޔާ އަބްދުއްރަހްމާން ރާހިމީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ހޯމަދުވަހު އަފްޣާން ގަޑިން ހެނދުނު 10:20 ކަންހާއިރު، ގާނޫނުހަދާ މަޖިލީހަށް ހަމަލާދިން ހަ މީހުންގެ ތެރެއިން ފުރަތަމަ މީހާ، ބާރުގަދަ ބޮމެއް ހަރުކޮށްފައިވާ ކާރެއްގައި އައިސް ޖާނުންފިދާވުމުގެ ހަމަލާއެއްދީ އަނެއް ފަސް މީހުންނަށް އިމާރާތުގެ ގޯތިތެރެއަށް ވަނުމަށް މަގުފަހިކޮށްދިނީ ކަމަށެވެ.

"ހަމަލާދިނުމުގައި ބައިވެރިވި ހަ މީހުންވެސް ވަނީ މަރުވެފައި. އަދި ހާލަތު މިހާޜުވަނީ ކޮންޓްރޯލް ކުރެވިފައި،" ޕާލަމެންޓްގެ ގޯތިތެރޭގައި ހުރެގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ރަހީމީ ވިދާޅުވިކަމަށް ޒިންހުއާގައި ވެއެވެ. "ފުރަތަމަ މީހާ މަރުވީ އޭނާ ދުއްވި ކާރު ގޮށްވާލުމުގެ ތެރޭގައި. އަނެއް ފަސްމީހުން މަރުވީ ސަލާމަތީ ބާރުތަކުން ދިން ހަމަލާގައި."

އެ ހަމަލާގައި ބަޔަކު ޒަޚަމްވިކަމަށް ރަހީމީ ވިދާޅުވި ނަމަވެސް، ހަމަލާގެ ތަހުގީގު ކުރިއަށްދާ ކަމަށް ވިދާޅުވެ، ޒަޚަމްވި މީހުންގެ އަދަދު ހާމައެއް ނުކުރައްވައެވެ.

އަފްޣާންގެ ނޫހަކާ ހަވާލާދީ ޒިންހުއާގައި ވަނީ، އެ ހަމަލާގައި އާންމުންގެ 21 މީހަކު ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދީންނާއި ފަސް އަންހެނުން ހިމެނޭ ކަމަށެވެ.

އަފްޣާންގެ ގާނޫނު ހަދާ މަޖިލީހަށް ހަމަލާދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެގައުމުގައި ހަރަކާތްތެރިވާ ޠާލިބާނުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލައިފައެވެ.

ބަޑީގެ އަޑުފައްގަނޑާއެކު ހެނދުނު 10:20 ކަންހާއިރު ދިން ބިރުވެރި އެ ހަމަލާއާއެކު އެ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތަކުގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު، ސަލާމަތީ ބާރުތަކަށް އެ ހަމަލާ އެއްކޮށް ނިމުމަކަށް ގެނެވިފައިވަނީ، މެންދުރު 12:30 ކަންހާއިރު އެވެ.

ބީބީސީން ބުނެފައިވަނީ ގާނޫނު ހަދާ މަޖިލިސް ހުންނަ ސަރަހައްދުގައި ބޮން ގޮށްވާފައިވަނީ އެގައުމުގެ އާ ދިފާއީ ވަޒީރު މައުސޫމް ސްޓެންކަޒީއަށް މަޖީލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އަހަން ހަމަޖެހިފައިވާތީ އެކަމާ ދިމާކޮށް ކަމަށެވެ.