22 Jun 2015, 14:56
އިއްޒިއްދީނު މަގުން، ހައުސިން މިނިސްޓްރީ އާއި ދިމާލުގައި ހުރި ޖަންކްޝަންއަކުން ނަޖިސް ބޭރުވެ އެ ސަރަހައްދުން ކުނިވަސް ދޮވާ މައްސަލަ ފެންމަތި ވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ސަރަހައްދުގެ ޖަންކްޝަން އަކުން ނަޖިސް ބޭރުވެ މުޅި އެ ސަރަހައްދުގައި ކުނިވަސް ހިފާފައިވާ ކަމަށެވެ.
"މުޅި ގޯތިތެރޭ އެއްކޮށް ވަސް ދުވައި، އެތައް ފަރާތަކަށް ގުޅައިފިން މިކަން ހައްލު ކުރަން،" ހައުސިން މިނިސްޓުރީގެ އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޖަންކްޝަންތައް ބަލަހައްޓާ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ފަޒީލު އަހުމަދު ވިދާޅުވީ އެސަރަހައްދުގެ ޖަންކްޝަންތަކުން ލީކްވެފައި ވަނީ އެސަރަހައްދުގެ ހޮޓާލަކުން ބޭނުންކުރާ ފެން ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެއުޅެނީ ޖަންކްޝަން ބުލޮކެއް ވެގެން. އެ ބުލޮކް މިވަނީ ފެންދާން އިންނަތަނަށް ކޮންމެވެސް ކަހަލަ ކަމެއް ދިމާވެގެން." ފަޒީލް ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ ވެހިކަލް އެސަރަހައްދަށް ގޮސް އެމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ އިރު ތިން ޖަންކްޝަން ގެ ތެރެއިން އެއް ޖަންކްޝަން ރަނގަޅު ކުރެވިފައިވާ ކަމަށް ފަޒީލު ވިދާޅުވި އެވެ.
ޖަންކްޝަން ފެންލީކްވާ މައްސަލަ ފެންމަތިވެފައިވާ އިރު މިމަހު 15 ވަނަ ދުވަހު ވެސް ވަނީ މައްޗަންގޮޅި ދިލްބަހާރު މަގުގެ ޖަންކްޝަނަކާއި ގަލޮޅު ފާށަނާކިލެގެ މަގުގެ ޖަންކްޝަނަކުން ނަޖިސްތައް މަގުމައްޗަށް ލީކްވެ އެމަގުތައް ވަރަށް ބޮޑަށް ތަޣައްޔަރުވެފައިވެ އެވެ.