ގދ. ދެއްވަދޫގައި ހުންނަ ޕެޓްރޯލް ގުދަނެއްގައި ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

ދެއްވަދޫ ކައުންސިލުން މިއަަދު ބުނީ އެ ރަށު އަސްވާޑޫގޭގައި ހުންނަ ޕެޓްރޯލު ގުދަނުގައި ރޯވީ ރޭ ދަންވަރު 2:00ގައި ކަމަށެވެ. ޕެޓްރޯލް ހުރި ގުދަނަކީ ކަރަންޓް ގުޅާފައި ހުންނަ ތަނަކަށް ނުވުމުން އެކަމަކީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ގުދަނުގެ ވެރިފަރާތާ ހަވާލާދީ ކައުންސިލުން ބުންޏެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި ގުދަނަކީ 96 އަކަފޫޓު ހުންނަ ގުދަނެއް ކަމަށް ކައުންސިލުން ބުންޏެވެ. ދެއްވަދޫ ކައުންސިލުން ބުނީ އަލިފާންގަނޑު އެއްކޮށް ނިއްވާލެވޭ ވަރުވީ ރޭ ފަތިހު 3:45 ހާއިރު ކަމަށެވެ.

ވެރިފަރާތާ ހަވާލާދީ ދެއްވަދޫ ކައުންސިލުން ބުނީ ގުދަނުގައި އަށް ފީފާ ޕެޓްރޯލް ހުރި ކަމަށާއި 2.5 ފީފާ ކާސްޓްރޯލް ހުންނާނެ ކަމަށެވެ. ގުދަނުގެ ވެރިފަރާތާ ހަވާލާދީ ކައުންސިލުން ބުނީ ގުދަނުގައި ރޯވުމުން 54000 ރުފިޔާގެ ގެއްލުން ލިބުނު ކަމަށެވެ.