އިސްލާމިކް ފައުންޑޭޝަންގެ ފަރާތުން ހިންގަމުން އަންނަ އެމްވީޓީވީގެ "ޖިލްބާބު ގުރުއާން މުބާރާތް" ފަށައިފި އެވެ.

ނޭޝަނަލް އާޓް ގެލެރީގައި މިއަދު ފެށި މުބާރާތުގައި ޖުމްލަ 282 ދަރިވަރުން ބައިވެރި ވެފައިވާ ކަމަށް އިސްލާމިކް ފައުންޑޭޝަނުން ވަނީ ބުނެފަ އެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ބާއްވާ އެ މުބާރާތް ކުރިއަށް ގެންދާނީ ދެ ދަންފަޅިއަކަށެވެ.

ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގައި ކުދިން ބައިވެރިވާނީ އަމިއްލަ ގޮތުން ބައިވެރިވާ ކެޓެގަރީ އާއި ސްކޫލުތަކުގެ ފަރާތުންނެވެ.

އެ މުބާރާތުގައި ވާދަ ކުރާ އުމުރުދުރާތަކަކީ ހަ އަހަރާއި އަށް އަހަރާ ދެމެދާއި ނުވަ އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. މީގެ އިތުރުން 13 އަހަރުން މަތީ އުމުރުފުރާގައި ވެސް ދަރިވަރުން ބައިވެރި ވެފައިވާ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

މުބާރާތް ކުރިއަށް ދާނީ ހިތުން ކިޔުމާއި ބަލައިން ކިޔުމުގެ ބައިންނެވެ.

އެ ފައުންޑޭޝަނުން ބުނީ މިއަދު ފެށި މުބާރާތުގައި ފަނޑިޔާރުކަން ކުރާނީ ޕާކިސްތާނުގެ ދެ ބޭފުޅުންނާއި ދިވެހި ދެ ފަރާތެއް ކަމަށެވެ.