އެއްގަމު އުޅަނދު ފަހަރުގެ ސްޓިކާ އަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށްދޭ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

އެއްގަމު އުޅަނދު ފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ނ. އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ގަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކް ކުރުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި އެގާނޫނަށް އަމަލުކުރަން ފެށުމުގެ ނިޔަލަށް ދައްކާފައިނުވާ ފައިސާ މިގާނޫނަށް އަމަލު ކުރަން ފެށުމާ އެކު މައާފްވީ ކަމަށެވެ.

އެހެން ކަމުން އެ ގާނޫނު މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު، ގަވައިދާ ހިލާފަށް ޕާކް ކުރުމުން މިހާރު ކޮށްފައި ހުރި ޖޫރިމަނާތައް މައާފުވެގެންދާނެ އެވެ.

އެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ދަށުން ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދު ޖޫރިމަނާ ކުރުމާއި އެ ފަރާތެއްގެ ލައިސެންސް އިން ޕޮއިންޓް މަދުކުރުމުގެ ބާރު ލިބިގެންދެ އެވެ.

ފަރީދީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުގައި ވެހިކަލްތައް ދުއްވަނީ-- ސަން ފައިލް ފޮޓޯ

އެއްގަމު ދުއްވާ އުޅަނދެއް ޕާކްކޮށްފައި މެދުކެނޑުމެއް ނެތި ބޭއްވޭނީ ހަތް ދުވަހަށް ކަމަށާއި އޭގެ އިތުރަށް ބާއްވާ ނަމަ ފުލުހުން އެ ވެހިކަލެއް ޓޯ ކުރުމުގެ ބާރު އަލަށް ހުށަހެޅި އިސްލާހުތަކުގެ ތެރެއިން ލިބިގެންވެ އެވެ. އެއުޅަދެއް ނެގުމަށް ފަހު ގެންދިއުމަށް ވެރިފަރާތަށް މުއްދަތު ދިނުމަށް ފަހު އެ އުޅަދެއް ނުގެންގޮސްފި ނަމަ އެއުޅަދެއް ނައްތާލުމާއި ވިއްކާލުމުގެ ބާރު ވެސް ކަމާ ބެހޭ ފަރާތްތަކަށް އަލަށް ހުށަހެޅި އިސްލާހުތަކުން ލިބިގެންވެ އެވެ.

އަލަށް ހުށަހެޅި އިސްލާހުތަކުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޭނުން ކުރާ ހާއްސަ އުޅަނދުތައް އިސްތިސްނާވެ ކަމަށެވެ. އެފަދަ އުޅަނދުތަކަށް އަހަރީ ފީ ދައްކާކަށް ވެސް ނުޖެހެ އެވެ.

މީގެ ދެ ހަފްތާކުރިން ޒުވާނުންނާއި ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ޒުވާނުން ދައުލަތަށް ދަރާފައިވާ މިންވަރު ޓޯޔާޑަށް ބަލައިލުމުން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ދައްކަން ޖެހުމުން އެ ވެހިކަލްތައް ނެރެވޭނެ ގޮތެއް ޒުވާނުންނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަންކަމަކީ ސަރުކާރަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރުމާ އެކީ ދިވެހި އެއްވެސް ޒުވާނަކީ ދައުލަތަށް ދަރާފައިވާ ޒުވާނަކަށް ނުވާނެ ކަމަށެވެ.