ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެ ގައުމަކަށް ދިމާވެފައިވާ ސަރަހައްދީ މައްސަލަތަކާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖު އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ-މޫން މަޝްވަރާ ކުރައްވައިފި އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ދެ ބޭފުޅުން ހޮނިހިރު ދުވަހު ބޭއްވި ހާއްސަަ ބައްދަލުވުމެއްގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާން އާއި ނޭޕާލް އަށް ދިމާވެފައިވާ ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ އެންޑީޓީވީ އިން ބުނާ ގޮތުގައި އެ ބައްދަލުވުމުގައި ސެކްރެޓަރީ ޖެނެރަލް އާއި މިނިސްޓަރު ވަނީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ ގައުމުތަކުގެ ތަރައްގީ އަށް ދިމާވެފައިވާ ދަތިތަކުގެ މައްޗަށް މަޝްވަރާ ކުރައްވާފައިފަ އެވެ.

އޭގެ އިތުރުން އަލަށް ރިލީޒްކޮށްފައިވާ ހައި ލެވެލް ޕެނަލް އޮން ޕީސް އޮޕަރޭޝަންގެ ރިޕޯޓާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އެންޑީޓީވީ އިން ބުންޏެވެ.