ވޯލްޑް ކަޕް ކްރިކެޓް މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ސައްތަ ހެދުމުގެ ޝަރަފު އަޔަލޭންޑުގެ ކެވިން އޯ ބްރެއިން ހޯދި އިރު ހައިރާންކުރިވަނިވި ގޮތަކަށް އިނގިރޭސިން ބަލިވެއްޖެ އެވެ.
އިންޑިޔާއާ ދެކޮޅަށް ނުހަނު މޮޅަށް ކުޅުނު ޓީމަށް އަޔަލޭންޑާ ދެކޮޅަށް 50 އޯވަރު ތެރޭގައި ހެދުނީ އެންމެ 327 ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުމެ އަޔަލޭންޑް މޮޅުވެގެން ފޭބީ ބާކީ ފަސް ބޯޅަ އޮއްވައި 329 ލަނޑު ހަދައިގެންނެވެ.

މި މެޗުގައި އޯ ބްރެއިން ވަނީ 63 ބޯޅައިން 113 ލަނޑު ހަދައިފަ އެވެ. އެނާ ސައްތަ ހަމަކުރީ އެންމެ 50 ބޯޅައިންނެވެ. މީގެ ކުރިން ކްރިކެޓް ވޯލްޑް ކަޕުގައި އެންމެ އަވަސް ސައްތައެއް ފެނުނީ ސައުތު އެފްރިކާގެ ހައިޑަންގެ ފަރާތުންނެވެ. އޭނާ ސައްތަ ހަމަ ކުރީ 60 ބޯޅައިންނެވެ.

އިނގިރޭސިންނާ އަޅާ ބަލާއިރު އަޔަލޭންޑަކީ ކްރިކެޓްގެ އާދައިގެ ގައުމެކެވެ. މި ނަތިޖާގެ ސަބަބުން ދެ ވަނަ ބުރަށް ނުވަތަ ކުއާޓާ ފައިނަލަށް ދިއުމަށް އިނގިރޭސީން ކުރިއަށް ހުރި މެޗުތަކުގައި ވަރަށް ރަނގަޅު ނަތިޖާތަކެއް ނެރެން ޖެހޭނެ އެވެ.