22 Jun 2015, 14:00
މާލޭގެ ބާޒާރުގައި މަހުގެ އަގުތައް މިވަގުތު އިންތިހާއަށް އުފުލިފައި ވަނީ ބޮޑެތި ދޯނިފަހަރުން ބާނާ މަސް، މާލޭގެ ބާޒާރަށް ވިއްކުމަށް ނުގެންނާތީ ކަމަށް މަސް މާރުކޭޓުގައި މަސްވިއްކަންތިބި ބައެއް މަސްވެރިން ބުނެފި އެވެ.
މަސްވެރިންގެ މާރުކާޓުގައި މަސްވިއްކަން ތިބި މަސްވެރިން ބުނީ "މި ދުވަސްވަރަކީ މަސްވެރިކަން ވަރަށްދަށް ދުވަސްކޮޅެއް" ކަމަށެވެ.
"ސަން"އާ ވާހަކަ ދެއްކި، އއ. އުކުޅަހަށް ނިސްބަތްވާ މަސްވެރިއެއް ބުނީ ބައެއް ބޮޑެތި ދޯނިފަހަރުން ގިނަ އަދަދަކަށް މަސް ބޭނި ނަމަވެސް އެ ދޯނިފަހަރު މަސް ކިރަނީ ފެލިވަރު ފަދަ ކުންފުނިތަކަށް ކަމަށެވެ. އަދި ބަދަލުގައި އެފަދަ ފަރާތްތަކުން މަސްބޭނުމަށްފަހު މާލޭގެ ބާޒާރަށް ގެންނަ ނަމަ އަގުތައް ދައްވާނެ ކަމަށް އޭނާ ބުންޏެވެ.
"މިސާލަކަށް 500 ޓަނުގެ މަސް ބާނައިފި ނަމަ އޭގެ 50 ވަރަކަށް ޓަނު މި ގެންނަނީ މާލޭގެ ބާޒާރަށް. އަނެއްބައި އެއްކޮށް ކިރާލަނީ. އެހެންވީމަ ރޯދަމަހުގެ ޑިމާންޑަށް ބަލާފަ މާލޭގެ ބާޒާރުގައި ޑިމާންޑް އޮންނަވަރަށް މަސް ނެތީމަ ދެން އަގުތައް އުފުލެނީ،" ބާޒާރުގައި މަހުގެ ބާވަތްތައް އަގުބޮޑުވާ ސަބަބު ކިޔައިދެމުން އެ މަސްވެރިޔާ ބުންޏެވެ.
މި ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރަކަށްވާ އިރު ކުދި ދޯނިފަހަރުގައި މަސްވެރިކަން ކުރާ މަސްވެރިން ބުނީ، ބޮޑެތި ދޯނިފަހަރުން އެ ފަރާތްތަކުގެ މަސްވެރިކަމަށް ވެސް ގޮންޖަހާ ކަމަށެވެ. އެގޮތުން "ދާ އަޅައިގެން މަސްއައިން އެއްކޮށް ކަހާލުމުން މަސް ވަގުވުމަކީ މަސްވެރިކަން ދަށްވާން ދިމާވާ ސަބަބެއް" ކަމަށް އެ މަސްވެރިން ބުންޏެވެ.
ބާޒާރުގައި މަހުގެ އަގުތަކަށް ބަލައިލާއިރު، ބަދިގެތެރޭގައި އާންމުކޮށް ކައްކަން ބޭނުންކުރާ ލައްޓި މަސް އެއްގޮތަކަށް ވެސް ނެތްކަން ފާހަގަކުރެވެ އެވެ. ގާތްގަނޑަކަށް ދެ ކިލޯގެ ބަރުދަން ހުންނަ ވަރުގެ ކަޅުބިލަމަހެއް 120 ރުފިޔާއަށް ހުރިއިރު، ފޫޓެއް ހަމަވާވަރުގެ ކަންނެލިމަހެއް އުޅެނީ 150 ރުފިޔާ އަށެވެ. އަށް ކިލޯގެ ބޮޑެތި ކަންނެލި ކިލޯއެއް އުޅެނީ 80 ރުފިޔާއަށެވެ.
ފަޅާފައި ހުރި އާދައިގެ ކަންނެލި މަސްބުރިއެއް 90 ރުފިޔާއަށް ލިބެން ހުރިއިރު، ފޫޓެއް ހުންނަވަރުގެ ކަޅުބިލަމަހެއް ހަތަރުފަޅިއަށް ފަޅާލާފައި ފަޅިއެއް ވިއްކަނީ 40 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި މުށިމަހެއް 10 ރުފިޔާއަށް ހުރިއިރު، ރެހި ޖޯޑެއްގެ އަގު އުޅެނީ 15 ރުފިޔާ އަށެވެ.
ފަރުމަހުގެ ބާވަތްތަކަށް ބަލައިލާއިރު، އާދައިގެ ގިއުޅެއް 80 ރުފިޔާއަށް ލިބެއެވެ. ފޫޓެއް ހަމަވާވަރުގެ އާދައިގެ ހަންޖެއް 100 ރުފިޔާއަށް އަދި އެއަށްވުރެ ބޮޑެތި މުޑަހަންޖެއްގެ އަގު އުޅެނީ 200 ރުފިޔާއަށެވެ. އާދައިގެ ސައިޒެއްގެ ރަތްމަހެއް ހުރީ 300 ރުފިޔާއަށެވެ. ފޫޓަކަށްވުރެ ކުދި ރަތްމަސް ނެތްކަން ފާހަގަކޮށްލެވެ އެވެ. މާނިޔަމަހެއް 300 ރުފިޔާއަށް ހުރިއިރު އެކި ސައިޒުގެ ގިނިމަސް އުޅެނީ 30 ރުފިޔާ އާއި 50 ރުފިޔާ އާއި 80 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އަދި އެއްފޫޓް ބައި ހުންނަ ވަރުގެ ކަށިތުނބި މަހެއް އުޅެނީ 150 ރުފިޔާއަށެވެ.
މަސްވެރިން ބުނާގޮތުން، ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި މަހުގެ އަގުތައް އިތުރަށް އުފުލޭނެކަމަށް ބެލެވެ އެވެ.