ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ އިރު އެމައްސަލަ ބެއްލެފި ފަނޑިޔާރުން ވަކިކޮޅަކަށް ބުރަވެފައިވާ ކަމަށް ނުދެކޭ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

އެމައްސަލަ ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ނާޒިމްގެ ވަކީލުން ހުށަހެޅި ނުކުތާތަކަށް ޖަވާބު ދާރީވަމުން ދައުލަތުގެ ވަކީލު އާދަމް އާރިފް ވިދާޅުވީ، ދަށުކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަކިއަތަކަށް ބުރަވެ މައްސަލަ ނިންމާފައިވާ ކަމަށް ބުނާ ވާހަކައިގައި އެއްވެސް ބުރަދަނެއް ނެތް ކަމަށެެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ކޯޓުތަކުގެ ގަޒިއްޔާތަކަށް ރިއާޔަތް ކުރަށްވައި އާރިފް ވިދާޅުވީ، ހުކުމް ކުރިން ތައްޔާރުކޮށްފައި ވާ ކަމަށް ބުނެ ނާޒިމްގެ ވަކީލުން ބުނި ބުނުމަކީ ސައްހަ ބުނުމެއް ނޫންކަމަށެވެ. އަދި ގާނޫނާ ހިލާފަށް ފަނޑިޔާރުން އަމަލުކޮށްފައިވާކަން ނާޒިމްގެ ވަކީލުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އާރިފް ވިދާޅުވި އެވެ.

ހެކިންނާއި ސުވާލުކުރުމުގެ ފުރުސަތު އެކަށީގެންވާ މިންވަރަށް ލިބިފައިނުވާކަން ނާޒިމްގެ ވަކީލުން ވިދާޅުވެފައިވާ ނުކުތާއާއި ގުޅިގެން އާރިފް ވިދާޅުވީ، ހެކިންނާއި ސުވާލު ކުރުމަށް އެކަށީގެންވާ ފުރުސަތު ނާޒިމްގެ ވަކީލުންނަށް ދީފައިވާ ކަމަށާއި، ސުވާލުކުރުން ހުއްޓުވާފައިވަނީ މައުލޫއިން ބޭރުން ސުވާލު ކުރުމުން ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ހެކިންގެ ހެކިބަސް ދިމާނުވާ ކަމަށާއި ހެކިން ޝަރީއަތުގެ މަޖިލީހުގައި ދޮގު ހެކިބަސް ދީފައިވާ ކަމަށް ބުނެ ނާޒިމްގެ ވަކީލުން ފާހަގަކުރި ނުކުތާއާ ގުޅިގެން އާރިފް ވިދާޅުވީ، މުޅި މައްސަލައިގެ ޖައުހަރަށް އަސަރު ކުރާނެފަދަ ތަފާތުކަމެއް ހެކިންގެ ހެކިބަހުގައި ނެތުމުން ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް މައްސަލަ ނިންމޭނެ ކަމަށެވެ.

އަދި ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ހެއްކެއްގެ ސައްހަކަން ގެއްލިފައި ނުވާތީ މައްސަލަ ނިންމާފައިވަނީ ގާނޫނުއަސާސީއާ އެއްގޮތަށް ކަން ދޭހަވާ ކަމަށްވެސް އާރިފް ވިދާޅުވި އެވެ.

ދަށުކޯޓުގައި ނާޒިމްގެ ވަކީލުން އެދިފައިވާގޮތަށް މިނިވަން ތަނަކުން ފޮރެންސިކް ތަހުލީލުތަށް ނުހެދުމަކީ ގާނޫނުއަސާސީއާ ހިލާފަށް މައްސަލަ ނިންމުން ނޫން ކަމަށް އާރިފް ވިދާޅުވި އެވެ. އަދި ނާޒިމްގެ ގެއިން ފެނުނު ހަތިޔާރުން އޭނާގެ ފިންގަރ ޕްރިންޓް ނުފެނުމަކީ މައްސަލަ ގާނޫނާހިލާފަށް ނިންމުން ނޫން ކަމަށާއި، ރާއްޖޭގައި ގިނަ މައްސަލަތަށް ނިންމާފައިވަނީ ފޮރެންސިކް ތަހުލީލަށް ބަލައިގެން ނޫންކަމަށްވެސް އާރިފް މިއަދު ވަނީ ވިދާޅުވެފައެވެ.

އަދި ނާޒިމްގެ ވަކީލުން އިއްޔެ ފާހަގަކުރި ހަތިޔާރުން ތިންވަަނަ މީހެއްގެ ފިންގަރ ޕްރިންޓް ފެނިފައިވާ ކަމަށް ބުނިވާހަކައަކީ ތެދެއް ނޫންކަމަށާއި، ހަތިޔާރުން އެއްވެސް މީހެއްގެ ފިންގަރ ޕްރިންޓެއް ފެނިފައިނުވާ ކަމަށް އާރިފް ވިދާޅުވި އެވެ.

ނާޒިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސްވަކީލު ހުސްނުއްސޫދު ވިދާޅުވީ، ދައުލަތުގެ ވާހަކައަށް ޖަވާބުދާރީވުމަށް ދެ ގަޑިއިރުގެ ފުރުސަތެއް ބޭނުންވާ ކަމަށެވެ. ނާޒިމްގެ ވަކީލުންނަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން މާދަމާ 11 ޖަހާއިރު މައްސަލަ ބޭއްވުމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.

އަބްދުލް ޣަނީ މުހައްމަދު އިސްފަނޑިޔާރުކަން ކުރައްވާ އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފްގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފެވެ.