22 Jun 2015, 12:48
ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާ ޖަމާލުއްދީން ހުސްކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ މި މަހުގެ 14 ވަނަ ދުވަހަކީ އެ އިމާރާތް ހުސްކުރުމަށް ދީފައިވާ އެންމެ ފަހުގެ ތާރީހު ކަމަށެވެ. އެއަށް ފަހު ބާޖަމާލުއްދީނުގައި ހިންގަމުން އައި ކުލާސްތައް އެމްއީއެސް އިމާރާތައް ބަދަލުކުރުމަށް ސަރުކާރުން ވަނީ ޔުނިވާ ސިޓީއަށް އަންގައިފަ އެވެ.
ޔުނިވާސިޓީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިމަހު 30ގައި ބާޖަމާލުއްދީން އެއްކޮށް ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ.
ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް މިއަދު ސަން އަށް ވިދާޅުވީ ބާ ޖަމާލުއްދީން މިމަހުގެ ނިޔަލަށް ހުސްކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ބާ ޖަމާލުއްދީންގައި ހިންގަމުންދާ އިދާރީ ބައި ހިންގާނެ އިމާރާތެއް ހަމަޖެހިފައިނުވާ ކަމަށާއި އެކަމަށް އިމާރާތެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ މިހާރު ޔުނިވާސިޓިއަށް ދީފައިވާ ފުރުސަތަކީ މިމަހުގެ ނިޔަލަށް ބާ ޖަމާލުއްދީނުގައި ހުރި ސާމާނު ނެރުމަށް ކަމަށެވެ. އެމްއީއެސް އިމާރާތުގައި ކުލާސްތައް ހިންގުމަށް ފުރުސަތު ދިނީވެސް ވަގުތީގޮތުން ކަމަށް މުއާޒު ވިދާޅުވިއެވެ.
ބަންދު ދުވަސްތަކަށް ފަހު ޔުނިވާސިޓީގެ ކިޔެވުން އިއްޔެ ފަށާފައިވާ އިރު ބާ ޖަމާލުއްދީނުގައި ކުރިން ހިންގަމުން އައި ޝަރީއާއިން ލޯގެ ކްލާސްތައް އެމްއީއެސް އަށް ބަދަލުކޮށް އެފެކަލްޓީގެ ކިޔެވުންތައް ފަށާފައިވެ އެވެ. ނަމަވެސް ފެކެލްޓީ އޮފް އާޓުސްގެ ކިޔެވުން އަދި ވެސް ކުރިއަށްގެންދަނީ ބާ ޖަމާލުއްދީނުގަ އެވެ.
ބާ ޖަމާލުއްދީންގައި ހިންގާ ދެ ފެކަލްޓީގެ ކޯސްތަކުގައި 1،200 އެއްހާ ދަރިވަރުން ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ.
ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން އަންނަ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން އެތައް ފަހަރެއްގެ މަތިން ސަރުކާރުން ވަނީ ޔުނިވާސިޓީ އަށް އަންގައިފަ އެވެ. ނަމަވެސް ކުދިންގެ ކިޔެވުމަށް ބުރޫއަރާނެ ކަމަށް ބުނެ ޔުނިވާސިޓީ އިން އެތަން ހުސްކޮށްފައެއް ނުވެ އެވެ.