ފޮރިން ސާވިސް ބިލާ އެކު އިތުރު ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލަކީ މުޅިން އަލަށް ތައާރަފު ކުރާ ދެ ގާނޫނެކެވެ. އަދި ތިން ވަނަ ބިލަކީ ގާނޫނަކަށް ގެނައުމަށް ނިންމާފައިވާ އިސްލާހެކެވެ.

ސަރުކާރުގެ ފަރާތުން އަލަށް ތައާރަފުކުރުމަށް ނިންމާފައި ވަނީ ފޮރިން ސާވިސް ބިލާއި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލެކެވެ.

ރައީސް އޮފީހުން ބުނީ ފޮރިން ސާވިސްގެ ބިލެއް ސަރުކާރުން ހުށަހަޅާފައި ވަނީ، ޚާރިޖީ ސިޔާސަތު މެދުވެރިކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމްކުރުން އިތުރުކުރުމުގައި މަސައްކަތްކުރުމަށް، ފޮރިން މިނިސްޓްރީން ބޭރު ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލޭޓްތައް ހިމެނޭ ފަދައިން ރާއްޖޭގެ ފޮރިން ސާވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމު ކުރުމުގެ ގޮތުން ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ފޮރިން ސާވިސް ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ އެ ޚިދުމަތުގެ ޤާނޫނީ ހައިސިއްޔަތާއި، މަޤްޞަދުތަކާއި، އެ ޚިދުމަތް ރޭވިފައިވާ ގޮތް ބަޔާންކޮށް، ޚާރިޖީ ދާއިރާގައި ޒަމާނީ ގޮތުން ދިވެހިރާއްޖޭގެ ގައުމީ މަަސްލަހަތު ކުރިއެރުވޭނެ ގޮތްތައް ކުރިއެރުވުމަށްޓަކައި ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އަނެއް ބިލަކީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލެވެ. ރައީސް އޮފީހުން ބުނީ ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ބިލެއް ސަރުކާރުން ހުށަހެޅުމުގެ ބޭނުމަކީ، ޤުދުރަތީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ދިމާވާ ކާރިސާތަކުން ރާއްޖޭގެ ސަރަޙައްދާއި، ރައްޔިތުންގެ ގެދޮރާއި މުދަލާއި ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުން ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖެ ޤުދުރަތީގޮތުން އުފެދިފައިވާ ނާޒުކުކަމުގެ ސަބަބުން ކާރިސީހިރާސް ކުޑަކުރުމަށް ކުރިޔާލައި މަސައްކަތްކުރުމަށާއި، ކާރިސާތަކަށް ތައްޔާރުވުމަށާއި ކާރިސާތަކުން ރައްކާތެރިވެތިބުމަކީ ވެސް އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދެ ބިލުގެ އިތުރުން ސަރުކާރުން ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ހުށަހަޅާފައި އެވެ.

އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އެ އިޞްލާޙު ގެނައުމަށް ސަރުކާރުން ހުށަހަޅާފައި މިވަނީ، ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުން ހަރުދަނާކުރުމަށާއި، ޓްރެފިކް ނިޝާންތަކާ ޚިލާފަށް، އެއްގަމު އުޅަނދު ދުއްވުމާއި ޕާކުކުރަމުން ގެންދިއުމާ ދެކޮޅަށް އެކަށީގެންވާ ޒަމާނީ ފިޔަވަޅު އެޅުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ބުނީ ގާނޫނަށް އެ އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ އުޅަނދުފަހަރު މަގުމަތިން ނެގުމުގެ ޤާނޫނީ ބާރު ފުލުހުންނަށް ލިއްބައި ދިނުމާއެކު ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަދުވަސްވާ އުޅަނދުފަހަރު ވިއްކާލުމުގެ ނުވަތަ ނައްތާލުމުގެ އުސޫލުތައް ޤާނޫނެއްގައި ބަޔާންވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމުގައި ފެންނާތީ ކަމަށެވެ.