22 Jun 2015, 12:30
އަފުޣާނީސްތާންގެ ވެރިރަށް ކާބުލުގައި ހުންނަ އެގައުމުގެ ގާނުނު ހަދާ މަޖިލީހަށް ބާރުގަދަ ބޮމުގެ ހަމަލާއެއް ދީފި އެވެ.
އަލްޖަޒީރާއިން ބުނެފައިވަނީ ޖާނުން ފިދާވެގެން ދިން ހަމަލާގައި މިހާތަށް އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ. ނަމަވެސް އެ ސަހައްދުގައި ހުރި ވެހިކަލްތަކުގައި ރޯވެ އަނދަމުންދާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
އަފުޣާނިސްތާންގެ ފަރިޔަބް ޕްރޮވިންސްގެ މަޖިލިސް މެންބަރު ފަތުހުﷲ ޤައިސަރީ، އަނަޑަލޫ ނިއުސް އެޖެންސީގައި ބުނެފައިވަނީ ބޮން ގޮވި ވަގުތު މަޖިލިސް އިމާރާތުގެ ބިއްލޫރިތައް ތަޅައިގެން ދިއުމުގެ ސަބަބުން ބައެއް މަޖިލިސް މެންބަރުންނަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ.
މަޖިލިސް މެންބަރުންނާއި މުވައްޒަފުން މިހާރުވަނީ ރައްކާތެރި ހިސާބަކަށް ގެންގޮސްފައެވެ.
އަލްޖަޒީރައިން ބުނީ ހަމަލާ ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހަމަލާގެ ޒިންމާ ތޯލިބާނުން އުފުލާފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކާ ހަވާލާދީ، އަލްޖަޒީރާއިން ބުނެފައިވަނީ ހަ ބޮމެއް އެސަރަހައްދުގައި ގޮއްވާލާފައިވާ ކަމަށެވެ. ބޮންގޮވި ވަގުތު އަޑުފައްގަނޑު ވަރަށް ގަދަވިކަމަށެވެ.
ބީބީސީން ބުނީ ގާނުނު ހަދާ މަޖިލިސް ހުންނަ ސަރަހައްދުގައި ބޮން ގޮށްވާފައިވަނީ އެގައުމުގެ އާ ދިފާއީ ވަޒީރު މައުސޫމް ސްޓެންކަޒީއަށް މަޖީލީހުގެ ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އަހަން ހަމަޖެހިފައިވާތީ އެކަމާ ދިމާކޮށް ކަމަށެވެ.