މި ރޯދަމަހު މައްކާގައި އަޤީޤާ ކަތިލުމަށް ބޭނުންވާ ފަރާތްތަކަށް ހައްޖު ކޯޕަރޭޝަނުން އެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މާތްވެގެންވާ މައްކާގެ ބިމުގައި މިރޯދަ މަހު އަޤީޤާ ކަތިލުމުގެ އިންތިޒާމް އެ ކޯޕަރޭޝަނުން ހަމަޖައްސައި ދިނުމަށް ނިންމާފައި ވާއިރު އެކަމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން އެ ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށް އެދޭ ކަމަށެވެ.

  • އަންހެން ކުއްޖަކަށް އަޤީޤާ ކަތިލައިދެނީ 2313 ރުފިޔާއަށް.

  • ފިރިހެން ކުއްޖަކަށް އަޤީޤާ ކަތިލައިދެނީ 4626 ރުފިޔާއަށް.

އެކަން ކުރުމަށް ބޭނުންވާ ފަރާތްތަކުން ފައިސާއާއެކު އައިޑީ ކާޑު ކޮޕީއަކާއި އަޤީޤާ ކަތިލާ ކުއްޖާގެ އުފަންދުވަހުގެ ސެޓްފިކެޓުގެ ކޮޕީއަކާއި އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ހުށަހަޅަންޖެހެ އެވެ.

އަޤީޤާ ކަތިލުމަކީ އަލަށް އުފަންވާ ކޮންމެ ކުއްޖެއް އުފަންވި ދުވަހުންފެށިގެން ހަތް ވަނަ ދުވަހު ނުވަތަ 14 ވަނަ ދުވަހު ނުވަތަ 21 ވަނަ ދުވަހު ނުވަތަ ކުއްޖާ ބާލިޣު ވުމުގެ ކުރިން ކުރަންޖެހޭ ކަމެކެވެ.