22 Jun 2015, 12:10
ހިފާފައިވާ ގުދްސު (ޖޫން 22) : އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ ވާހަކަތައް ހުއްޓިފައި ވަނީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޣައިރު ގާނޫނީ މަޝްރޫއުގެ ސަބަބުން ކަމަށް ވިދާޅުވެ އެ މަޝްރޫޢަށް ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވަރަށްބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ފެބިއޮސް ބައެއް އަރަބި ގައުމުތަކަށާއި އިސްރާއީލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިސްރާއީލަށް ގޮވާލެއްވީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ޣައިރުގާނޫނީ މަޝްރޫއު ހުއްޓާލުމަށާއި ސުލްޙައާގެން އަލުން ކުރިޔަށް ދިޔުމަށެވެ.
މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީއާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ފެބިއޮސްވަނީ އިސްރާއިލާއި ފަލަސްތީނުގެ ސުލްޙައިގެ ވާހަކަތައް ހުއްޓިފައި އޮންނަ އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ސިފަކުރައްވާފަ އެވެ. އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙައިގެ ވާހަކަތައް ހުއްޓިފައި އޮންނަ އޮތުމަކީ އަރަބި އިސްރާއީލުގެ އަރާރުމުގެ އައު މަރްޙަލާއެއްގެ ފެށުންކަމަށް ވެދާނެތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވެސް ގާހިރާގައި ދެއްވި ބަޔާނުގައި ފެބިއޮސް ވިދާޅުވެފައިވެ އެވެ.
ސުލްހައިގެ ވާހަކަތައް ހުއްޓިފައި ވަނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއު ހުއްޓާލުމަށް ނޫނީ މަޑުޖައްސާލުމަށް އިސްރާއީލުން ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ފެބިއޮސް ވަނީ މިސްރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިއްޔެ އިސްރާއީލަށް ވަޑައިގެން އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާ ބައްދަލުކުރައްވާފަ އެވެ. ނަތަނިޔާހޫއާ ބައްދަލުކުރެއްވުމުގެ ކުރިން ނަތަނިޔާހޫ ވަނީ ފެބިއޮސްގެ ވާހަކަތަކަށް ފާޑުވިދާޅުފަ އެވެ. ނަތަނިޔަހޫ ވިދާޅުވީ ފަލަސްތީނާ ސުލްޙަވުމަށް އިސްރާއީލަށް މަޖްބޫރުން ކުރުވަން ސަރަހައްދުން ބޭރުގެ ބާރުތަކުން މަސައްކަތް ކުރަމުން ގެންދާ ކަމުގަ އެވެ. ހިފާފައިވާ ގުދްސުގައި ފަރަންސޭސި ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ގުޅިފައިވާ ނޫސްކޮންފަރެންސްގައި ނަތަނިޔާހޫ ވަނީ ފަލަސްތީނުގެ ހައްގުތަކާއި މިނިވަންކަމުގެ މައްސަލާގައި އދ. ން ފާސްކޮށްފައިވާ ގަރާރުތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ. މިގޮތުން އދ. ގެ ގަރާރުތަކަކީ ވެސް އިސްރާއީލުގެ މައްޗަށް އަންނަ ބޭރުގެ ނުފޫޒެއްކަމަށާ ބޭރުގެ މިފަދަ ނުފޫޒުތަކުން މައްސަލަ ހައްލުނުކުރެވޭނެ ކަމަށް ނަތަނިޔާހޫ ވިދާޅުވި އެވެ. ނަތަނިޔާހޫ އަށް ރައްދު ދެއްވަމުން ފެބިއޮސް ވަނީ ސުލްހައިގެ ވާހަކަތައް އަލުން ފެއްޓޭތޯ އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތަށް ނިމުމުގެ ކުރިން އެމަސައްކަތުގެ މައްޗަށް ހުކުމްތައް ނުކުރުމަށް ގޮވާލައްވާފަ އެވެ.
ފަލަސްތީނުގެ ބިންތައް ގަދަބާރު ހިފައިގެން އުޅޭ އިސްރާއީލަކީ ޒަމާނުއްސުރެ އދ. އަށާއި ބައިނަލްއަގްވާމީ މުޖްތަމައަށް ނުކިޔަމަންތެރިކަން ދައްކާ އަދި އދ. ގެ ގަރާރުތަކަށް ފާޅުގައި ގޮންޖަހަމުންދާ ހަރުކަށި ގައުމެކެވެ. އިސްރާއީލުގެ މިހަރުކަށިކަމާއި ނުކިޔަމަންތެރިކަމަށް ވަގިވެރިވާ ގައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތްވެސް ހިމެނެއެވެ. އެހެންކަމުން ޔަހޫދީ އާބާދީތަކުގެ މައްސަލާގައި ފަރަންސޭސި ޚާރިޖީ ވަޒީރު އިސްރާއީލަށް ފާޑުވިދާޅުވެފައިވަނީ މުނާފިގުކަމެއްގެ ތެރެއިންކަމަށް ފަލަސްތީނުގެ ބައެއް ނޫސްވެރިން ވަނީ ސިފަކޮށްފަ އެވެ. (ނޫސްއެޖެންސީތައް)