22 Jun 2015, 12:01
ރާއްޖެ އިން ބޭރުން އަންނަ ޓޫރިސްޓު އުޅަދުތަކަށް މަޝްހޫރު ބަނދަރެއްކަމަށްވާ ހއ. އުލިގަމަށް އަންނަ އުޅަނދު މަދުވުމަށަ ފަހު މި އަހަރު ގިނައަދަކަށް އުޅަނދު އަންނަން ފަށާފައިވާ ކަމަށް އެ ރަށު ކައުންސިލްއިން ބުނެފި އެވެ.
ކުރިން އެ ރަށަށް 100 އަށް ވުރެ ގިނަ ޓޫރިސްޓް އުޅަނދު ކޮންމެ އަހަރަކު ވެސް އަންނަ އިރު ވޭދުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އެ ރަށަށް އައިސްފައި ވަނީ އަހަރަކު ގާތްގަނޑަކަށް 10 ވަރަކަށް އުޅަނދެވެ.
އުލިގަމު ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޒިޔާދު ހަސަން ވިދާޅުވި ގޮތުގައި އެ ރަށަށް ޔޮޓްފަހަރާއި ކުރޫޒު ލައިންތައް އައުން މަދުވީ ކަސްޓަމްސް އިން "އިން ވާޑް އައުޓް ވާޑަށް" 2000 ރުފިޔާ ނަގަން ފެށުމުން އެއީ ބޮޑު އެއްޗެއް ކަމަށް ޓޫރިސްޓުން ބުނުމާ އެކު ކަނޑު ފޭރޭ މީހުންގެ ކަންކަން ގިނަވުމުން ކަމަށެވެ.
ޓޫރިސްޓުންތަކެއް އުލިގަމުގައި ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: ޒިޔާދު
އެ ހުރިހާ ކަމަކަށް ފަހު މި އަހަރު އެ ރަށަށް ޓޫރިސްޓު އުޅަނދު ފަހަރު އަންނަ މިންވަރު އިތުރުވެފައިވާ ކަމަށާއި އެގޮތުން މިދިޔަ އަހަރު 10 އުޅަނދު އެރަށަށް އައި އިރު މި އަހަރު މިހާތަނަށް 52 އުޅަނދު އައިސްފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"ގާތްގަނޑަކަށް މިދިޔަ ދެ އަހަރެއްގެ ތެރޭގައި މަދުން އައިސް މިއަހަރު ތެރޭގައި 50 ވަރަކަށް ޔޮޓާއި ދެ ކުރޫޒު ޝިޕްވެސް މިކޮޅަށް ވަދެއްޖެ، މިއަހަރު ރަނގަޅު ފުދޭ ވަރަކަށް." ޒިޔާދު ވިދާޅުވި އެވެ.
އެރަށަށް ޓޫރިސްޓު އުޅަނދުތައް އެންމެ ގިނައިން އައި އަހަރު ތަކުގައި އާންމުކޮށް 100 ވަރަކަށް އުޅަނދު އަންނަ ކަމަށާއި މިއަހަރާއި އަންނަ އަހަރު އެއަދަދަށް އެރަށަށް އުޅަނދު ފަހަރު އަންނާނެ ކަމަށް ބެލެވޭ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ޓޫރިސްޓު އުޅަނދުތަކެއް އުލިގަމް ބޭރުގައި ބަނދަރުކޮށްފައި-- ސަން ފޮޓޯ: ޒިޔާދު
އޭނާ ވިދާޅުވީ އެގޮތަށް އަންނަ އުޅަދުތައް އެރަށު ބޭރުގައި ދެ ތިން ދުވަހު މަޑުކުރާއިރު ޓޫރިސްޓުން އެރަށަށް ފައިބަިއ ވިޔަފާރި ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"ތެލާއި އެއްޗެހި ބައެއް ފަހަރު ގަނޭ ކޮންމެވެސް ވަރަކަށް، އާންމުކޮށް ފިހާރަތަކުން ވިޔަފާރިކޮށް ހަދާ. އަނެއްހެން ގެސްޓު ޝޮޕްތަކެއް މިކޮޅުގައެއް ނުހުންނާނެ." ޒިޔާދު ވިދާޅުވި އެވެ.
އުލިގަމަކީ އެރަށް އޮންނަ ހިސާބުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓް އުޅަނދުފަހަރު މަޑުކުރާ ބަނދަރެކެވެ.