22 Jun 2015, 11:47
ލީގް ފެށިއިރަށްވުރެ ވެލެންސިއާގެ ކުޅުން މިހާރު ތަފާތުވާނެ ކަމަށް އެ ކްލަބްގެ ކޯޗް މުޙައްމަދު އިޤްބާލް ބުނެފި އެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ އީގަލްސްއާ ދެކޮޅަށް ނިކުންނަ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިޤްބާލާ ބުނީ، ޓީމަށް އަލަށް ގުޅުނު ކުޅުންތެރިންނާއެކު ޓީމްގެ ހުރިހާ ޑިޕާޓްމެންޓްތަކެއް މިހާރު ފެންނާނީ ވަރަށް ބެލެންސްކޮށް ކަމަށެވެ.
"މިހާރު މިއިނީ ފެށި އިރާ ބަލާފައި ވަރަށް ރަނގަޅު ޓީމެއް. ހުރިހާ ޑިޕާޓްމެންޓެއްވެސް ވަރަށް ބެލެންސްކޮށް މި އިނީ،" ކޯޗިން ސްޓާފުންގެ މަސައްކަތާއި ޓީމްގެ ކުޅުންތެރިންގެ ކޮމިޓްމެންޓާއެކު ޓާގެޓް ކުރި ނަތީޖާ ހާސިލު ކުރެވިދާނެ ކަމަށް އިގްބާލު ބުންޏެވެ.
އިގްބާލް ބުނީ، ގައުމީ ޓީމް ކުޅުނު މެޗްތަކަށް ލީގް މެދުކަނޑާލި ނަމަވެސް ވެލެންސިއާގައި ކުޅުންތެރިން ޕްރެކްޓިސް ކޮށްފައިވާނެ ކަމަށާއި މުޅި ޓީމް އެކީ ކުރެވުނު ޕްރެކްޓިސް ކުޅުންތެރިންގެ ޕާފޯމަންސް ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށެވެ.
އޭނާ ބުނީ، ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކޮމިޓްމަންޓެއް ލިބިއްޖެނަމަ އީގަލްސްއަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫންކަމަށެވެ.
ލީގްގައި ފުރަތަމަ ކުޅުނު ދެ މެޗްގައި ޓީމަށް ދިމާވީ ނިންމާނުލެވުމުގެ މައްސަލަކަމަށައި ޓީމާ އަލަށް ގުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގް ކުޅުނު ފޯވަޑް ބަލްގޭރިއާގެ މިރްޗޭވްއާ އެކު 'ނިންމާލުމުގެ' މައްސަލަ ހައްލުވެގެންދާނެ ކަމަށް އިގްބާލު ބުންޏެވެ.
ނިއުއިން ވެލެންސިއާއަށް ވިއްކާލި ގައުމީ ޓީމްގެ ޑިފެންޑަރު އަކުރަމް ޢަބްދުލް ޣަނީ ވެލެންސިއާގައި ކުޅޭނެ ޕޮޒިޝަނާ ބެހޭގޮތުން ސުވާލު ކުރުމުން އިޤްބާލް ބުނީ، "ވެލެންސިއާގައި ދަށްކޮށް އުޅޭނީ މެދުތެރެއާއި ފޯވަޑް ލައިން" ކަމަށާއި އެހެންކަމުން އަކުރަމް ފެންނާނީ މެދު ތެރެއިން ަކަމަށެވެ.
ވެލެންސިއާ އީގަލްސް ބައްދަލު ކުރާ މެޗް ފެށޭނީ މިރޭ 10:00 ގައެވެ.