އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ހިނގާ ދެ މީހަކު ޒަހަމުވެ އެކަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ މިއަދު ހެނދުނު 10 ޖަހާ އެހާކަންހާއިރު ހިތަދޫ ބޮޑު މަގު ސިޓީ ސެންޓްރަލް ކައިރީގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިގަން މެދުވެރިވީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެން އެ ސަރަހައްދުގައި ފުލުހުން ބަހައްޓާފައި ހުރި ބެރިކޭޑުތަކުގައި ޖެހިގެން ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފުސާ "ސަން" މިއަދު ވިދާޅުވީ އައިސީޔުގައި ފަރުވާ ދެމުން އަންނަ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ހަފުސާ ވިދާޅުވީ އޭނާ އަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން މާލެ ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައި. ދެން އެކްސިޑެންޓުވި އަނެއް މީހާގެ ހާލު އެހާ ސީރިއަސްއެއް ނޫން. އޭނަ އަށް މާ ބޮޑުވަރެއް ނުވޭ. ތެޔޮހަންމަށައިގެން ގޮސްފައި ހުރީ." ހަފުސާ ވިދާޅުވި އެވެ.