22 Jun 2015, 11:06
އަހަންނަކީ އެމެރިކާއަށް އުފަން ޒުވާނަކީމެވެ. އަހަންނަކީ ކުރީގައި ޔަހޫދީއެކެވެ. އަހަރެންގެ އާއިލާ އަކީ އެހާ ދީންވެރި ބައެއް ނޫންނަމަވެސް އަހަރެން ދީން ކިޔެވީ އެ ދީނަށް ރަނގަޅަށް ކަމޭހިތާ މީހުންގެ ކައިރިންނެވެ. އަހަރެން ދީން ކިޔެވީ، އޯތޮޑެކްސް ޖްވިޝް ސްކޫލުންނެވެ. އަހަރެން އެމެރިކާ ދިރިއުޅެމުން ދިއައީ ޔަހޫދީންގެ ކޮމިއުނިޓީއެއްގައެވެ.
އަހަރެންދިރިއުޅުނު ވަރަށް ބޮޑަށް ބަރޯސާވެފަ އޮތީ ޔަހޫދީ ދީނުގެ މައްޗަށެވެ. އަހަރެންގެ އެއްވެސް އެހެން ދީނެއްގެ ރައްޓެއްސެއް ވެސް ނުހުރެއެވެ. އެހެންނަމަވެސް އަހަރެއްހާ ދުވަސް ކުރިން އަހަރެން މުސްލިމު ބަޔަކާ ޗެޓް ކުރަން ފެށީމެވެ. އަދި މަޑުމަޑުން އަހަރެން މުއާމަލާތްކުރާ މީހުންގެތެރޭގައި ގިނަ މުސްލިމުން ހިމެނެން ފެށިއެވެ. އެހެން ދީންތަކަކާއި ބެހޭ އިލްމު އުނގެނުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތުގައު އުފެދުނެވެ.
އިސްލާމްދީން ކިޔެވުމަށް އަހަރެން ޚާއްސަ ސަމާލުކަމެއް ދިނީމެވެ. ސަބަބަކީ އަހަންނަށް އެނގިފައިވާގޮތުގައި އިސްލާމްދީނާއި ޔަހޫދީ ދީނުގެ މާބޮޑު ތަފާތެއް ނުހުރެ އެވެ. ދެ ދީން ވެސް ގަބޫލުކުރާ ރަސޫލުބޭކަލުންތަކެއް ތިބިކަން އަހަންނަށް އެނގެއެވެ.
އޮންލައިނުން ގިނަ މުސްލިމުންތަކަކާއި އަހަރެން ރައްޓެހިކަން ބާއްވަމެވެ. އޭގެތެރޭގައި ޚާއްސަ މީހެއް ހުއްޓެވެ. އެއީ އަހަރެން ރައްޓެހިވެގެން އުޅުނު ކުއްޖާއެވެ. އޭނާ އަހަރެން އިސްލާމްދީނުގެ ދޮރޯށްޓާއި ހަމައަށް ގެންދިޔައެވެ. އަދި ﷲ އަހަންނަށް ތެދު މަގު ދެއްކެވި އެވެ.
އަހަރެން އިސްލާމްދީނުގެ އިލްމުގައި ކުރިއަށްދިއަ ވަރަކަށް ޔަހޫދީ ދީނުގައި ހުރި ނުރަނގަޅު ކަންތައްތައް ދިއައީ ފާހަގަވަމުންނެވެ. ޔަހޫދީންގެ ތައުރާތުގައި ވާގޮތުން ނަބިއްޔާ ހާރޫނަށް ވަނީ ފާފައެއް ކުރެވިފައެވެ. މޫސާގެ ފާނު ތޫރު ފަރުބަދައަށް ވަޑައިގަތުމުން އެގައުމުގެ މީހުންގެ ފަރާތުން ދިމާވި ޕްރެޝަރާއި ހެދި ހާރޫނުގެ ފާނު ގެރިއެއް ހެދި ކަމަށް ޔަހޫދީ ފޮތްތަކުގައި ވެއެވެ. އެހެންނަމަވެސް އަބަދުވެސް މިކަމާއި ދޭތެރޭ އަހަންނަށް ޝައްކުގެ ނަޒަރަކުން ބެލެއެވެ.
ނަބިއްޔަކަށް އެފަދަ ބޮޑު ފާފައެއް ކުރެވޭނީ ކިހިނަކުންތޯ އެވެ. އެހެންނަމަވެސް ގުރުއާނުގައި އެ ވާހަކަ ގެނެސްފައިވާ ގޮތަކީ އެއީ ހަގީގަތްކަމަށް އަހަންނަށް ގަބޫލުކުރެވުނެވެ. އަދި އަޅުކަން ކުރުމަށް ގެރިއެއް ހެދީ ކާކުތޯ ހާރޫނުގެ ފާނާއި މޫސާގެ ފާނު ސުވާލުކުރެއްވި ކަމަށާއި އެހެންނަމަވެސް ގެރި ހަދާފައި ވަނީ ހާރޫނުގެ ފާނު ނޫންކަން އެނގެއެވެ. މިއީ އަހަރެންގެ ހިތުގެ އަޑިން އަހަރެން އަބަދުވެސް ގަބޫލުކުރަމުން އައިގޮތެވެ. އަދި މިހާރު މިވަނީ އަސްލު ތައުރާތު ވަރަށް ބޮޑަށް ބަދަލުކޮށްފައިކަން އަހަންނަށް އެނގުނެވެ. ޔަހޫދީ ދީނުގެ ލީޑަރުން މީހުންނަށް އެދީނުގައި އުޅެން ފަސޭހަގޮތަކަށް ދީން ބަދަލުކޮށްފައި އޮތީބާއޭ އަހަރެން ހިތަށް އެރި އެވެ.
އިސްލާމްދީނަށް އަހަރެންގެ ހިތް ލެނބިގެން ދިއަ އަނެއް ކަމަކީ ގުރުއާނުގައިވާ ސައިންޓިފިކް ހަގީގަތްތަކެވެ. އޭގެ ތެރޭގައި އަންހެނެއްގެ ބަނޑުގައި ދަރިއަކު އުފެދިބޮޑުވެގެން އަންނަ ގޮތް ގުރުއާނުގައި އެކަން ސައިންސުން ދެނެގަނެވުނުތާ އެތައް ހާސް އަހަރެއް ކުރިން ވަނީ ބަޔާންވެފައެވެ. މީގެ އިތުރުންވެސް ފަރުބަދަތައް އުފެދިފައިވާ ގޮތާއި ބެހޭގޮތުން ވެސް ގުރުއާނުގައި މުހިއްމު ސައިންޓިފިކް ވާހަކަތައް ހިމެނެއެވެ. ސައިންސުން މިކަންތައްތައް ދެނެގަތުމުގެ 1400 އަހަރުކުރިން އިސްލާމްދީނުގައި ވަނީ މިވާހަކަތައް ބަޔާންކޮށްފައެވެ.
އިސްލާމް ދީނުން އަހަންނަށް ފާހަގަކުރެވުނު އަނެއް ކަމަކީ އެ ދީނުގެ ނަމެވެ. އެނަމުގެ ސަބަބުން ދިރިއުޅުމުގެ ހަގީގަތް ހޯދުމުގެ ޝައުގެވެރިކަން އަހަރެންގެ ހިތުގައި ބޮޑުވި އެވެ. އިސްލާމްގެ މި ބަހުގެ މާނައަކީ 'ސަލާމް' 'އަމާންކަން' އަދި އެއީ ރަހްމާންވަންތަ ރަހީމްވަންތަ ﷲ އަށް ޚާލިސްވުންކަން އަހަންނަށް އެނގުނެވެ. ޔަހޫދީ ދީން އެ ބަސް އުފެދިފައިވަނީ 'ޔަހޫޒާ' ދަރިކޮޅަށް ނިސްބަތްކޮށެވެ. ކްރިއަސްޓިއަން ދީން ނިސްބަތް ވަނީ ޖީސަސް ކްރައިސްޓް އަށެވެ. އިސްލާމް މި ނަމާ ޔަހޫދީ ދީނުގެ ނަމުގައި އަދި ނަޞާރާ ދީނުގެ ނަމުން އަހަންނަށް މި ތަފާތުތައް ފާހަގަކުރެވުނެވެ. ﷲ އަށް ކިޔަމަންތެރިވެ އެކަލާގެ ފޮނުންވި ހުރިހާ ރަސޫލުންނާއި ނަބީން ގަބޫލުކުރާ މީހަކީ މުސްލިމެކެވެ. ޔަހޫދީ ދީނުގެ ރަސޫލުންނާއި ނަބީން ﷲ އަށް ކިޔަމަންތެރިކަން އަދާކުރި އެވެ. އެހެންކަމުން ހަގީގީ މާނައިގައި އެ މީހުންނަކީ މުސްލިމުން ކަން އަހަންނަށް ވިސްނުނެވެ.
އަހަރެން އިސްލާދީން ގަބޫލުކުރިވާހަކަ މައިންބަފައިން ކައިރީގައި އަދި ނުބުނަމެވެ. އަހަރެން ފަސް ވަގުތު ނަމާދުކުރަމެވެ. އަހަރެން މިދަނީ އިސްލާމްދީނާއި ބެހޭ އިލްމު އުނގެނަމުންނެވެ. ބައެއް ފަހަރު އަހަންނަށް އުނދަގޫ ކަންތައްތަކާ ވެސް ދިމާވެއެވެ. މުސްލިމުންނާއި ގުޅުން ހުރި ވާހަކަތައް ދައްކާއިރު އެހެން މީހުންނަށް ވުރެ އަހަރެން ޖަޒުބާތީ ވެއެވެ. ޚާއްސަކޮށް މެދުއިރުމަތީގެ ވާހަކަ ދައްކާއިރުގައެވެ. އަހަރެންގެ އާއިލާގެ އެއްމެން އިޒްރާއީލަށް ތާއީދު ކުރެއެވެ. އެމީހުންނަށް ފަލަސްތީނު މީހުންގެ އިހްސާސަތަކެއް ނޭނގެއެވެ. އަހަންނަށް މިވަނީ ހިދާޔަތުގެ ތެދު މަގު ދައްކަވާފައެވެ. މީގެ ސަބަބުން އަހަރެން މިވަނީ ކުރިއަށް ވުރެ ފުރިހަމަ އިންސާނަކަށް ވެފައެވެ.