ގިނަ އަދަދެއްގެ ޔޮޓް ފަހަރު ބަނދަރު ކުރާ ހއ. އުލިގަމުގައި ކަސްޓަމްސް އިން އެކަށިގެންވާ ވަސީލަތްތަކާ އެކު ރަނގަޅު އޮފީހެއް ގާއިމް ކުރުމަށް ނިންމައިފި އެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓްފަހަރު އަންނަ ރަށަކަށް ވުމުން މުދާ ކުލިއާ ކުރުމަށާއި ޔޮޓް ފަހަރަށް ކުލިއަރެންސް ދިނުމަށް މިހާރު އެރަށުގައި ކަސްޓަމްސްގެ މުވައްޒިފުން ހަރަކާތްތެރިވަމުން އަންނަނީ ކުޑަ އޮފީހެއްގައި ވަރަށް ދަތިކޮށް ކަމަށެވެ.

ކަސްޓަމްސް އިން ނިންމާފައި ވަނީ އާ އިމާރާތުގެ ބޭނުން އަންނަ އަހަރު ކުރީކޮޅު ފަށަން ކަމަށާއި އެ އިމާރާތަކީ އެކަށިގެންވާ ވަސީލަތްތަކާ އެކު ގާއިމު ކުރެވޭނެ އޮފީހެއް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"ކޮންމެ އަކަސް އެ ސަރަހައްދު ތަރައްގީވަމުންތާ ދާނީ، އޭގައި މައިގަނޑުގޮތެއްގައި ބޭނުންވާނެ ކަންތައްތަކާއި އެއްކޮށް އިމާރާތް ހަދާނީ." ނިޔާޒު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީ އިން މިހާރު ވަނީ އުލިގަމުގައި ކަސްޓަމްސް އިން އަޅަން ނިންމާފައިވާ އިމާރާތް ބީލަމަށް ލައިފަ އެވެ. އެ ބީލަން ހުޅުވުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.