03 Mar 2011, 10:48
ކޮންމެ އަހަރެއްގެ މާޗް މަހުގެ ދެ ވަނަ ދުވަހަކީ "ފުނަދޫ ފަތަހައިގެ ދުވަސް" ކަމަށް ނިންމާ ށ. ފުނަދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
ށ. އަތޮޅުގެ ކައުންސިލްގެ އަށް މެންބަރުންގެ ތެރެއިން ޑީއާރުޕީއަށް ނިސްބަތްވާ ހަ މެންބަރުންގެ އަގުލަބިއްޔަތުން އެ ގަރާރު ފާސް ކުރީ "ފުނަދޫ ކުދި ބޮޑު ރައްޔިތުން ވޭތުވެދިޔަ ހަތަރު ދުވަހު، ނިދިން މަހުރޫމްވެ، ކައުންސިލް އިދާރާގެ ހިމާޔަތުގައި ފުނަދޫ ބޮޑު މަގު، މިނިވަން ހިގުމުގައި ދެއްކި ލާމަސީލު ނަމޫނާ ފާހަގަ ކުރުމުގެ ގޮތުން" ކަމަށް ބުނެ އެވެ.
ކައުންސިލުން ފާސް ކުރި ގަރާރު އިއްވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު ނަޝީދު ރިޔާސީ ބަޔާން އިއްވެވި ވަގުތާ ދިމާކޮށެވެ.
މި ރަށުގެ ރައްޔިތުން 'ތަހުރީރު" އެއްވުމެއްގެ ގޮތުގައި ސިފަކުރި އެއްވުންތައް ވޭތުވެދިޔަ ހަތަރު ދުވަހު ބޭއްވި މައިދާނުގައި ގަރާރު އިއްވައި ދިނީ ރައްޔިތުންގެ ތެރެއިން މި ރަށު ތަރަހަ، މުހައްމަދު ޝަރީފު އެވެ.
ގަރާރުގައި ބުނެފައިވަނީ ފުނަދޫގައި ކުރިން ކުރަމުން އައި އަތޮޅު ވެރިކަން އޮކްޓޯބަރު، 2009 ގައި އެހެން ރަށަކަށް ބަދަލު ކުރުމުން ރަށުގެ ރައްޔިތުންނަށް ތަހައްމަލު ކުރަން ދަތި ހިތާމައެއް ލިބުނު ކަމަށެވެ. އަދި ރައްޔިތުން އެހިތާމައި ތިއްބައި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އުފެދި ށ. އަތޮޅު ކައުންސިލްގެ މެޖޯރިޓީން ނިންމި ނިންމާމެދު ސަރުކާރުން އިންކާރުކޮށް ފުނަދޫ ކައުންސިލްގެ އިދާރާ ހިސޯރު ކުރަން ފުލުހުން ބޭނުންކޮށްގެން ކުރި އައިރު ގާނޫނީ އަމުރާ ދެކޮޅަށް ޖާނާއި މާލުން ގުރުބާން ވުމަށް ރައްޔިތުން ދެއްކި ނަމޫނާ އަށްޓަކައި "ފުނަދޫ ފަތަހައިގެ ދުވަސް" ކަމަށް ކައުންސިލްގެ ގަރާރުން ފާސް ކުރާ ކަމަށެވެ.
އިއްޔެ ހައި ކޯޓުން ކުރި ހުކުމާއި ސްޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ފުނަދޫގައި އިއްޔެއިން ފެށިގެން އަންނަނީ ގައުމީ ލަވަޔާއި ދަނޑިއާ ބޮޑުބެރު ޖަހަމުންނެވެ.