21 Jun 2015, 22:20
އުމުރުން ތިން އަހަރުގެ ދަރިފުޅު، މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި ކަމަށް ތުހުމަތު ކުރެވޭ މަންމަ އާފިޔާ މުހައްމަދު މަނިކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން، އަމުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަރީއަތް ނިމެންދެން އާފިޔާ ބަންދުކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކުރުމުން ކަމަށެވެ.
އިބްތިހާލުގެ މަރުގެ މައްސަލައާ ގުޅިގެން ދެ ދައުވާއެއް އާފިޔާގެ މައްޗަށް ވަނީ އުފުލާފައެވެ. އެއީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ އާއި ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
އެ ދެ މައްސަލައިގެ ޝަރީއަތް ފަށާފައި ވަނީ މިމަހުގެ 15 ދުވަހު އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާފިޔާގެ މައްޗަށް އުފުލާފައި ވަނީ ތަފާތު އެކި ދުވަސްމަތިން އިބްތިހާލުގެ ގައިގައި ތަޅައި ޖިސްމާނީ އަނިޔާކޮށްފައި ވާތީ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެ ދައުވާއަށް އާފިޔާ ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ.
ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ އަށް ޖަވާބުދާރީވާން ދައުލަތުގެ އެހީގައި ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އާފިޔާ އަށް ވަނީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައިދީފަ އެވެ.