21 Jun 2015, 20:55
މާފަންނު ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
އަލިފާން ރޯވެފައި ވަނީ މާފަންނު "ޓެޕްކޮން" ހާޑުވެއާ ކުރިމަތީގައި ހުންނަ "ޔުނައިޓެޑް ފުޑްސް ގޯޑައުން" ގުދަނެއްގަ އެވެ. އެ ގުދަނަކީ "ކޯލްޑް ސްޓޮރޭޖެއް"ގެ ގޮތުގައި ބޭނުން ކުރާ ގުދަނެކެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން ހުސައިން "ސަން"ޢަށް ވިދާޅުވީ އަލިފާން ރޯވީ އެ ގުދަނުގެ ތެރޭގައި ހުރި ކޮންޓެއިނަރެއްގެ ޕެނަލް ބޯޑުގައި ކަމަށެވެ. އަލިފާންގަނޑު ފެތުރުމުގެ ކުރިން އެމްއެންޑީއެފުން އަލިފާން ނިއްވާލާފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.
އަލިފާން ނިންވުމުގެ މަސައްކަތުގައި އުޅުނު ފުލުހަކު ބުނީ ގުދަނުން މިހާރު ދުން ނާރާ ކަމަށާއި "ކޯލްޑް ސްޓްރޭޖަކަށް" ވުމުން، އެ ސަރަހައްދުގައި މިހާރު ހުރީ އެ ގުދަނުން ބޭރުވި "ދުންފިނި" ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ނަމަވެސް ގުދަނުގައި ހުރި ބައެއް ސާމާނުތަކަށް ގެއްލުންވެފައިވެ އެވެ.