21 Jun 2015, 16:26
ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ބަންދުކުރި މައްސަލަ ހައިކޯޓުން ބަލައެއް ނުގަތެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުގައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރުމަކީ އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ "ތަޤުދީރީ" ބާރެއް ކަމަށް ހައިކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެފަދަ ކަންކަންތައްތަކަކީ އިސްތިއުނާފީ ކޯޓުން ރިވިއުކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާ ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުގައި ވެއެވެ.
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުލިބޭގޮތަށް އޭނާ ވާހަކަފުޅުދެއްކެވުމުން މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބުނެއެވެ.