ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތިން ދުވަހަށް ގޭބަންދަށް ބަދަލުކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ސަން އަށް ވިދާޅުވީ އެމަނިކުފާނު ތިން ދުވަހަށް ގޭބަންދަށް ބަދަލުކުރީ މިއަދު އޭޑީކޭ ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ.

"އޭޑީކޭ ހޮސްޕިޓަލުން ރައީސް ނަޝީދު ބެއްލެވި ޑޮކްޓަރު ލަފާދެއްވީ ތިން ދުވަހަށް ފްރެޝް މާހައުލެއްގައި އެމަނިކުފާނު ބެހެއްޓެވުމަށް. އެހެންކަމުން ކަރަކްޝަނަލް ސާވިސްގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން ގޭބަންދަށް ބަދަލުކުރީ،" ތަޒްމީލް ވިދާޅުވިއެވެ.

ގޭބަންދުގެ މުއްދަތުގައި ރައީސް ނަޝީދު ހުންނަވަނީ މ. ޔާގޫތުގޭގައެވެ. އެއީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ގެކޮޅެވެ.

ސަން އަށް އެނގިފައިވާގޮތުގައި ރައީސް ނަޝީދު ގޭބަންދަށް ބަދަލުކުރަން ނިންމެވީ އެ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

ޖަލަށްލިފަހުން ތަފާތު އެކި ފަހަރުމަތިން ރައީސް ނަޝީދު މާލެގެނެސް ޑޮކްޓަރަށް ދައްކާފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މިއަދު ރައީސް ނަޝީދު ދައްކާފައި ވަނީ ނާރުގެ ޑޮކްޓަރަކަށެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލާގަ އެވެ.