21 Jun 2015, 15:55
މެޗް އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކުރި ލަނޑުން ބްރަޒިލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން މޮޅުވެ 20 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ސާބިއާ ހޯދައިފި އެވެ.
ނިއުޒިލެންޑްގައި ކުރިއަށް ދިޔަ މުބާރާތުގައި އިއްޔެ ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ކަމިޔާބު ކުރީވެސް ސާބިއާއިންނެވެ. މެޗްގެ 70 ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ކާމިޔަބުކޮށްދިނީ ސްޓާނީސާ މެންޑިކްއެވެ.
މިލަނޑު ޖެހިތާ ތިން މިނެޓް ފަހުން މެންޗެސްޓާ ޔުނައިޓަޑްގެ ޒުވާން ޓީމަށް ކުޅެމުންދާ އެންޑްރެސް ޕިރޭރާ ވަނީ ބްރަޒިލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މިނާތީޖާއިން މެޗްގެ 90 މިނެޓްގެ ކުޅުން ހަމަވެ ކުޅުނު އިތުރު ވަގުތުގެ 15 މިނެޓް ދެ ހާފުގެ ތެރެއިން ފަހު ހާފުގެ 13 ވަނަ މިނެޓްގައި، ސާބިއާ މެޗުން މޮޅުވި ލަނޑު ކާމިޔާބުކުރީ ނެމާނިއޯ މެކްސަވިޗްއެވެ.
މި މުބާރާތް ސާބިއާ ކާމިޔާބު ކުރުމުން މިއީ 2006 ވަނަ އަހަރު ސާބިއާ މިނިވަން ވަކި ޖުމްހޫރިއްޔާއަކަށް ވީފަހުން ފުޓްބޯޅައިގައި ކާމިޔާބު ކުރި ފުރަތަމަ މުބާރާތެވެ.
ސާބިއާގެ ކޯޗް ވެލްކޯ ޕެވްނޯވިޗް ބުނީ ސާބިއާގެ ފުޓްބޯޅަ ހުރީ ރަނގަޅު މިސްރާބަކަށް ކަމަށާއި މީގެ 10 އަހަރު ފަހުން ސާބިއާގެ ކުޅުންތެރިން ދުނިޔޭގެ އެންމެ މަތީ ފަންތީގައި ކުޅޭނެކަމަށެވެ.
ޕެވްނޯވިޗް ބުނީ ސާބިއާގެ ފުޓްބޯޅައިގައި އޭނާ ހާސިލު ކުރަން ބޭނުންވާ އަމާޒު ހުރީ ދިހަ އަހަރު ފަހަށް ކަމަށެވެ.