03 Mar 2011, 10:44
އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ގަލޮޅުދަނޑުގައި ސިންގަޕޯރގެ ޓެމްޕައިންސް އަތުން ފަސޭހަކަމާއެކު ބަލިވީ ޑިފެންސްލައިނަށް ހެދުނު ގޮސްތަކެއްގެ ސަބަބުން ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އިއްޔެގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ މުޅި ޓީމުގެވެސް ކޮންސަންޓްރޭޝަން ދަށް ކަމަށާއި ހާއްސަކޮށް ޑިފެންސްލައިންގެ ކޮންސަންޓްރޭޝަން ދަށް ކަމަށެވެ.
"އޭގެ ސަބަބުން ފުރަތަމަ ދެ ގޯލު މެޗުގެ ފުރަތަމަ ހާފުގައި ވަނީ. އޭގެ ސަބަބުން މެޗުން މޮޅުވާން މައްސަލަތައް ނުކުތް އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް. މީގެ އިތުރުން ބޯލަ ހިފަހެއްޓުމުގައިވެސް މައްސަލަތައް ނުކުތް." ސުޒޭން ބުންޏެވެ.
ޑިފެންސްލައިންގެ މައްސަލަތައް ފާހަގަ ކުރެވުނު ނަމަވެސް ވަކި ކުޅުންތެރިއަކު ސުޒޭން ފާހަގައެއް ނުކުރެއެވެ. އޭނާ ބުނީ އެއީ ވަކި ކުޅުންތެރިއެއްގެ މައްސަލައަށްވުރެ މުޅި ޑިފެންސްލައިންގެ މައްސަލައެއް ކަމަށެވެ.
ނަމަވެސް މެޗުގެ ވަކި ހިސާބަކުން ކެޕްޓަން ސޮބާހު މުހައްމަދު ބޭލުމުން ގިނަ ބަޔަކަށް ޝޮކެއް ލިބުނެވެ. ނަމަވެސް ސުޒޭން ބުނީ ސޮބާ ބޭލީ އެވަގުތަށް އެންމެ ރަނގަޅު ހައްލަކީ އެއީ ކަމަށް ޤަބޫލު ކުރެވޭތީ ކަމަށެވެ.
ސުޒޭން ބުނީ ސިންގަޕޯރ އާއި ރާއްޖެއަކީ ފުޓްބޯޅައިގައި ތަފާތު ދެ ގައުމު ކަމަށާއި ހާއްސަކޮށް ފައިސާގެ ގޮތުން ކުޅުންތެރިން ހޯދުމުގެ އެތަފާތު ފެންނަ ކަމަށެވެ.
ޓެމްޕައިންސްގެ ކޯޗު ސްޓެވަން ބުނީ އޭނާ ރޭވި ގޮތަށް ޓީމު ކުޅުނު ކަމަށާއި ހުރިހާ ގޮތަކުންވެސް މެޗާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
ސްޓެވަން ބުނީ ހޫނުގަދަވުމުގެ ސަބަބުން އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށާއި އެހެންކަމުން ކުޅުންތެރިން ބަދަލު ކުރަން ޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ.
ވިކްޓަރީގެ ދެވަނަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހު ވިއެޓްނާމްގެ ހޯޕަޓްހެނޯއީ އާއި ދެކޮޅަށް އެގައުމުގައި ކުޅޭއިރު ޓެމްޕައިންސް ދެން ކުޅޭނީ މުއަތޮންގ ޔުނައިޓެޑާ ދެކޮޅަށެވެ. މިމެޗު ސިންގަޕޯގައި ކުޅޭނީވެސް ހަމަ އެ ދުވަހު އެވެ.