14 Apr 2010, 14:31
މިދިޔަ އަހަރު ސިޔާސީ ޕާޓީތަކުން ހުށަހެޅި އޯޑިޓް ރިޕޯޓު ފުރިހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ޖޫރިމަނާކުރި ނުވަ ޕާޓީގެ ތެރެއިން ހަ ޕާޓީއެއްގެ ޖޫރިމަނާ އެ ކޮމިޝަނުން އަނބުރާ ގެންގޮސްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ސިޔާސީ ނުވަ ޕާޓީއަކުން މިދިޔަ އަހަރުގެ އޯޑިޓް ރިޕޯޓް ހުށަހަޅާފައި ވަނީ ހުށަހަޅަންޖެހޭ ބައެއް ކަންތައްތައް މަދުކޮށް ނަމަވެސް ޕާޓީތަކުގެ އެދުމުގެ މަތިން އެކަން މުރާޖައާކޮށް އިތުރަށް ބެލިބެލުމުން އެ ކަންތައްތައް ބައެއް ޕާޓީތަކުން ފުރިހަމަކޮށްފައިވާތީ ޖޫރިމަނާ އަނބުރާ ގެންދިޔައީ ކަމަށެވެ.
ޖޫރިމަނާ އަނބުރާ ގެންދިޔަ ޕާޓީތަކުގެ ތެރޭގައި، ޕީޕަލްސް ޕާޓީ އާއި ޑީއާރުޕީ އާއި އަދާލަތު ޕާޓީ އާއި ގައުމީ އިއްތިހާދާއި އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ ހިމެނޭ ކަމަށާއި، އަނެއް ތިން ޕާޓީ ކަމަށްވާ އެމްއެސްޑީޕީ އާއި އައިޑީޕީ އަދި އެމްއެންސީގެ ޖޫރިމަނާ ގެންނަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް ވެސް އިލެކްޝަނުގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ ޕާޓީތަކުގެ ޖޫރިމަނާ އަނބުރާ ގެނައީ، އޯޑިޓް ރިޕޯޓުގައި ހިމަނާފައިނުވާ މައުލޫމާތުގެ ހިސާބުތަކާއި އެހެނިހެން ލިޔެކިޔުންތައް ފުރިހަމައަށް ހުރިތޯ ކޮމިޝަނުން އެ ޕާޓީތަކުގެ އޮފީސްތަކަށް ގޮސް ޕާޓީގެ ފައިސާގެ ހިސާބުތައް ގަވައިދާ އެއްގޮތުގެ މަތިން ބަހައްޓާފައިވޭތޯ ބެލުމުން ފައިސާގެ ހިސާބުތަކާއި އެކަމާ ގުޅުން ހުރި އެހެނިހެން ލިޔުންތައް އެ ތަންތަނުގައި ހުރުމުން ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.
ފައިސާ ހޯދި ތަނަކާއި ފައިސާ ހޯދި ގޮތް ކަހަލަ މައުލޫމާތުތައް އޮޑިޓް ރިޕޯޓުގައި ހިމަނާފައި ނެތުމުން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން އައިޑީޕީ އާއި އެމްއެންސީ ތިރީސް ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު އަދި އަނެއް ހަތް ޕާޓީ ވިހި ހާސް ރުފިޔާއިން ވަނީ އިން ޖޫރިމަނާކޮށްފަ އެވެ.