މި މަހުގެ މިހާތަނަށް 60،000 އަށް ވުރެ ކުކުޅު ބިސް ކޭސް ރާއްޖެ އެތެރެކޮށްފި އެވެ.

ކަސްޓަމްސް އިން ސަން އާ ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މި މަސް ފެށިގެން މިހާތަނަށް ރާއްޖެ އަށް ވަނީ 60192 ކޭސް ބިސް އެތެރެކޮށްފަ އެވެ. އެއީ 15.7 މިލިއަން ރުފިޔާގެ ބިހެވެ. ހަމަ އެހެންމެ 51،696 ބަސްތާ ފިޔާ އެތެރެކޮށްފައިވާ އިރު އެތަކެއްޗަށް 8.6 މިލިއަން ރުފިޔާ އަރަ އެވެ. އަލުވި 36،902 ބަސްތާ މި މަސް ތެރޭ އެތެރެކޮށްފައިވާ އިރު އެތަކެއްޗަށް 4.1 މިލިއަން ރުފިޔާ އަރަ އެވެ.

މި މަހުގެ މިހާތަނަށް މާކެޓޫގައި އެންމެ އަގުބޮޑުވި އެއްޗަކަށްވީ ބިހެވެ. އެގޮތުން ބިސް ކޭހެއް 600 ރުފިޔާ އަށް ވުރެ މައްޗަށް އަގު އަރައިގެން ދިޔަ އެވެ. ނަމަވެސް މިހާރު ބިސް ކޭހެއްގެ އަގު ވަނީ 450 ރުފިޔާއަށް ދަށްވެފަ އެވެ.

ބާޒާރުގައި އެއަގަށް ބިހުގެ އަގު އަރައިގެން ދިޔައީ ރޯދަޔަށް ހާއްސަކޮށް އެސްޓީއޯ އިން ހޯލްސޭލް ކުރަމުން ދިޔަ ބިސް ހޯލްސޭލްކުރުން ވަގުތީ ގޮތުން ހުއްޓާލުމާ ގުޅިގެންނެވެ. ނަމަވެސް އެސްޓީއޯ އިން މިއަދު އަނެއްކާ ވެސް ވަނީ ބިސް ކޭހެއް 270 ރުފިޔާގެ ރޭޓުން ހޯލްސޭލް ކުރަން ފަށައިފަ އެވެ.

އެސްޓީއޯ އިން އަލުވި ބަސްތާއެއް 118 ރުފިޔާ އަށް ވިއްކާ އިރު ފިޔާ ބަސްތާއެއް ވިއްކަނީ 220 ރުފިޔާ އަށެވެ.