ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫން ބާއްވަމުން އަންނަ މަސް ރޭސް ފަށައިފި އެވެ.

އުރީދޫ އިން ބުނީ ރޭ ހެންވޭރު އަޑުޕާކް ސަރަހައްދުގައި ފެށި މިއަހަރުގެ މަސް ރޭހުގައި 16 ޓީމަކުން ބައިވެރިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ސެމްޕިއަންސް ސްޓެލްކޯގެ އިތުރުން އެމްޓީސީސީ އާއި ޔުނިވާސަލް އެންޓަޕްރައިސަސް އާއި މީޑިއާނެޓް އާއި އެންސިސް ފިޝަރީޒްގެ އަދި ކޯސްޓްލައިން ހިމެނެ އެވެ.

އުރީދޫގެ މި އަހަރުގެ މަސްރޭސް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ އުރީދޫ

އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ "އުރީދޫ އިން ގަބޫލްކުރާ ގޮތުގައި ކުޅިވަރު މެދުވެރިކޮށް މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އިންސާނުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެވޭނެ،" ކަމަށެވެ. އަދި މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމުގައިވާ އިރު އުރީދޫ އިން ކޮންމެ އަހަރަކު މަސްރޭސް ބާއްވައި، އެ މުބާރާތް މެދުވެރިކޮށް ދިވެހި ޒުވާނުންގެ މެދުގައި މަސްވެރިކަމަށް އޮތް ޝައުގުވެރިކަމާއި ޖޯޝް އާލާކުރުމަކީ ލިބޭ ޝަރެފެއް ކަމަށް ވިދާޅުވި އެވެ.

އުރީދޫގެ މިއަހަރުގެ މަސްރޭސް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ އުރީދޫ

މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެންޕިއަންސް ޓީމަކަށް އުރީދޫން ހުށަހަޅާފައިވާ 50،000 ރުފިޔާ ފައިސާގެ އިނާމުގެ އިތުރުން އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ހުށަހަޅާފައިވާ 60 ހޯރސްޕަވަރުގެ 4 ސްޓްރޯކް އައުޓްބޯޑު އިންޖީނު ހިމެނެ އެވެ.

މި މުބާރާތުގައި ކޮންމެ ހަފްތާއެއްގެ އެއްވަނަ އަށްދާ ޓީމަށް އުރީދޫން ހުށަހަޅާފައިވާ 3000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މި މުބާރާތުގައި އެންމެ ގިނަ މަސްބާނާ "މުބާރާތުގެ މަސްވެރިޔާ"ގެ އިތުރުން އެންމެ ބަރުމަސް ބާނާ ފަރާތަކަށް ހުށަހަޅާފައިވާ 5000 ރުފިޔާގެ ފައިސާގެ އިނާމު އަދި އެލިއާއިން ހުށަހަޅާފައިވާ 3 ހޯރސްޕަވަރުގެ 2 ސްޓްރޯކް އައުޓްބޯޑު އިންޖީނު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫގެ މިއަހަރުގެ މަސްރޭސް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ އުރީދޫ

މި ރޯދަ މަހުގެ ކޮންމެ ހޮނިހިރު ދުވަހެއްގައި އުރީދޫގެ މަސްރޭސް ބޭއްވުމަށް ޖަމަޖައްސާފައިވާއިރު ފައިނަލް ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ޖުލައި 16 ވަނަ ދުވަހު އެވެ. އަދި މަސްރޭހުގެ ހަރަކާތްތައް މިއަހަރު ފެނިގެންދާނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ 12:30 ގައި ޓީވީއެމުން ގެނެސްދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.