އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބަލިކަށިކޮށްލުމަށް ޓަކައި ރާވައިގެން "އަނިޔާ" ދެމުން އަންނަ ކަމަށާއި އެއީ ލަދުވެތިކަން ބޮޑު ޖަރީމާތަކެއް ކަމަށް އެޕާޓީން ބުނެފި އެވެ.

އަދާލަތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިމްރާނާ މެދު ޢަމަލު ކުރަމުން އަންނަނީ ގާނޫނު އަސާސީގައި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގުތަކުގެ ތެރެއިން ގާނޫނު އަސާސީގެ 21 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ ނަފްސު ރައްކާތެރިކުރުމުގެ ޙާއްގާއި 54 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ ލާއިންސާނީ އަދަބު ނުދިނުމުގެ ޙައްގާއި 57 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ ބަންދުކުރެވިފައިވާ މީހުންނާ އިޙްތިރާމާއެކު މުޢާމަލާތުކުރުމުގެ ޙައްގާ ޚިލާފަށް ކަމަށް ކަމަށް އެ ޕާޓީ އިން ބުންޏެވެ. އަދ އެ މައްސަލާގައި ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އާއި 18 ވަނަ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ ވާޖިބުތަކަށް އިހުމާލުވެފައިވާ ކަމަށް ވެސް އަދާލަތުި ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

"ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲ ބަންދުކޮށްފައި ވަނީ ޝަރީޢަތް ހިންގުމަށްޓަކައި ކަމަށް ވީހިނދު، އެ ޝަރީޢަތް ހިންގާ ކޯޓުވަނީ ރިސެސްގަ އެވެ. އަދި ކުޑަމިނުން އެ މައްސަލަ ބައްލަވާނެ ޤާޟީއަކު ވެސް ނުވަތަ އެމައްސަލަ ބައްލަވާނެ ބެންޗެއް ވެސް ކަނޑައެޅިފައެއް ނުވެ އެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގެ ހައިކޯޓުން ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲގެ ސިއްޙީ ޙާލަތުގެ މައްޗަށް ރިޢާޔަތްކުރައްވާ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަށް ވަނީ ނިންމަވާފަ އެވެ. މިނިންމެވުމުގެ އަސާސުތައް އެހިނދަށްވުރެ ވެސް ބޮޑަށް މިހާރު ދެމިއޮތްކަން މި ޕާޓީއިން ފާހަގަކުރަމެވެ." އަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ޝެއިހު އިމްރާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ނޫސް ބަޔާނުގައި ބުނެފައި ވަނީ ޝެއިހު އިމްރާނު ޖަލުގައި ބަންދުކުރެވިފައިވާ ޙާލަތުގެ ސަބަބުން ވަރަށް ގިނަ ސިއްޙީ މައްސަލަތަކާ ކުރިމަތިލައްވަމުންދާ ކަމަށެވެ. ޝެއިހު ޢިމްރާން އަކީ ހަކުރު ބައްޔާއި ލޭގެ ޕްރެޝަރ މައްޗަށް ދިއުމުގެ ސަބަބުން ދާއިމީ ގޮތެއްގައި ބޭސް ބޭނުންކުރައްވާ ބޭފުޅެއް ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. ބަންދުކުރި ފަހުން ކުރި ޓެސްޓްތަކުގެ ނަތީޖާ ދައްކާގޮތުން ލޭގެ ޕްރެޝަރާ ޔޫރިކް އެސިޑާ އަދި ކޮލޮސްޓްރޯލް ހުންނަން ޖެހޭ ވަރަށް ވުރެއް މައްޗަށް ގޮސްފައިވާ ކަމަށް އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

"އަދި ހަރުތަނެއްގައި ނިދަންޖެހުމުގެ ސަބަބުން މައިބަދައިގެ މައްސަލަތަކެއް ކުރިމަތިވެ ސިއްޙީ ޙާލަތު އިންތިހާއަށް ދަނީ ގޯސްވަމުންނެވެ. މިމަޢުލޫމާތުތައް ވަނީ ފަޟީލަތުއްޝައިޚް ޢިމްރާން ޢަބްދުﷲގެ ޢާއިލާގެ ފަރާތުން އެމަނިކުފާނުގެ އަނބިކަނބަލުން ހޯމް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަނާ ޙިއްސާކޮށްފަ އެވެ." ބަޔާނުގައިވެ އެވެ.

ޝެއިހު އިމްރާނު ހައްޔަރު ކޮށްފައި ވަނީ ޝަރީޢަތަށް ޙާޒިރުވުމަށް އެންގުމަކާނުލާ ކަމަށް ވެސް އަދާލަތު ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ބުނީ ޝެއިހު އިމުރާނަކީ އެއްވެސް އިރެއްގައި ހަމަނުޖެހުމެއް އުފެދޭ ގޮތަށް ވާހަކަދައްކަވާފައިވާ ބޭފުޅެއް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުން ވަނީ އިމްރާންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އަދި އިމްރާނުގެ ފަރާތުން ވަނީ އެ އަމުރު އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައި އެވެ.