21 Jun 2015, 14:36
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ މިއަދު ހައިކޯޓުގައި ފަށައިފި އެވެ.
ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.
ނާޒިމްގެ ފަރާތުން އިސްތިއުނާފުގެ މައްސަލަ ހުށަހަޅުއްވަމުން މިއަދު ވަނީ ގިނަ ނުކުތާތަކެއް ފާހަގަކުރައްވައިފަ އެވެ. އެގޮތުން 11 އަހަރަށް ޖަލަށް ލުމަށް ނާޒިމްގެ މައްޗަށް ހުކުމްކޮށް މައްސަލަ ނިންމާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ނާޒިމްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ނާޒިމުގެ ވަކީލެއްގެ ގޮތުގައި އިސްވެ ހުންނެވީ ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްްސޫދެވެ.
ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ މަޖިލިސް ކުރިއަށް ދިޔަ އިރު، ނާޒިމްގެ މައްޗަށް އެ މައްސަލަ ސާބިތުވާ ވަރުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެއް ކަމަށާއި އެ ހަތިޔާރުގެ މައްސަލައާ މެދު ޝައްކުތަކެއް ހުއްޓައި މައްސަލަ ނިންމާފައިވާ ކަމަށް ވެސް ނާޒިމްގެ ވަކީލުން ވިދާޅުވި އެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ބައެއް ހެކިންގެ ހެކިބަސް ދިމާ ނުވާކަން ފާހަގަކޮށް ނާޒިމްގެ ވަކީލުން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މާތްﷲ ގަންދީ ހުވާކޮށްގެން ތިބެ ބައެއް ހެކިން ދޮގުހެކިބަސް ދީފައިވާ ކަމަށާއި އެކަން އޭރު ވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.
އަދި ނާޒިމް ދިރިއުޅުއްވި އެޕާޓްމެންޓުގެ އޭނާ ދިރިއުޅުއްވި ކޮޓަރިން ފެނުނު ހަތިޔާރުގައި އެހެން މީހެއްގެ ފިންގާ ޕްރިންޓް ހުރިކަމަށް ތަހުގީގަށް އެނގެން އޮތް އިރު އެކަން އިތުރަށް ބެލުމެއް ނެތި މައްސަލަ ނިންމާފައި ވުމުން އެއީ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ މައްސަލައެއްކަން ސާބިތުވާ ކަމަށް ވެސް ނާޒިމްގެ ވަކީލުން ވިދާޅުވި އެވެ.
ހެކިންނާއި ސުވާލުކުރުމުގެ ފުރުސަތު އެކަށީގެންވާ މިންވަރަށް ލިބިފައިނުވާކަން ފާހަގަކުރައްވައި ނާޒިމްގެ ވަކީލުން ވިދާޅުވީ ހެކިންނާއި ސުވާލުކުރަން ފެށުމުން ކްރިމިނަލް ކޯޓުގައި ނަޒިމްގެ މައްސަލަ ބެއްލެވި އިސް ގާޒީ އެކަން ހުށްޓުވާފައިވާ ކަމަށާއި އަދި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމަށް ގާޒީ ހެކިންނަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. އަދި އެއީ ކުރެވިގެން ނުވާނެ ކަމެއް ކަމަށްވެސް ނާޒިމުގެ ވަކީލުން ވިދާޅުވި އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތައް އަދި ކޯޓުތަކުގެ ގަޒިޔާތަކަށް ހަވާލާދެއްވައި ނާޒިމްގެ ވަކީލުން ފާހަގަކުރެއްވި ހުރިހާ ނުކުތާތަކެއް ވެސް ވަކިވަކިން ބައްލަވައިދެއްވުމަށް މިއަދު ކޯޓުގައި ނާޒިމްގެ ފަރާތުން ވަނީ އެދިފަ އެވެ.
ހައިކޯޓުގައި ނާޒިމްގެ މައްސަލަ ބައްލަވާ އިސްފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު ވިދާޅުވީ މައްސަލައަށް ޖަވާބުދާރީވުމަށް މާދަމާ އިތުރު ޝަރީއަތެއް ބާއްވާނެ ކަމަށާއި އަދި އެ މައްސަލައިގެ ޝަރީއަތްތަށް މިހަފްތާގެ ކޮންމެ ދުވަހަކު ވެސް އޮއްނާނެ ކަމަށެވެ.
އަބްދުލް ޢަނީ މުހައްމަދު އިސްފަނޑިޔާރުކަން ކުރައްވާ އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދިﷲ ހަމީދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުއްރައޫފްގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފެވެ.