21 Jun 2015, 14:14
މުމްބާއީ (ޖޫން 21) : އިންޑިއާ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ބައެއް ސްޓޭޓްތަކަށް ބޯކޮށް ވާރޭވެހެން ފަށައިފި އެވެ.
އާދަޔާޚިލާފަށް ހޫނުގަދަ ދުވަސްތަކަކަށް ފަހު އިންޑިއާ އަށް ވިއްސާރަ ކުރަންފަށާފައިވާ އިރު ހަރިޔާނާ، އުއްތުރަ ޕަރަދޭޝް އަދި ދިއްލީއަށް ވަނީ އިއްޔެއާއި އޭގެ ކުރީ ދުވަހު ވާރޭވެހިފަ އެވެ. މިވިއްސާރަ އެންމެ ބޮޑަށް ކޮށްފައި ހަރިޔާނާގެ ވެރިރަށް މުންބާއި އަށެވެ. މުންބާއި އަކީ އިންޑިޔާގެ ވިޔަފާރިއާއި އިގްތިސާދުގެ މައި މަރުކަޒެވެ.
އިއްޔެއާއި އޭގެ ކުރީ ދުވަހު މުމްބާއީ އަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެރަށުގައި ވަނީ ފެންބޮޑުވެ އާންމު ދިރިއުޅުމަށާއި ދަތުރުފަތުރަށް ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ. މީގެ އިތުރުން އެތަށް ހާސްގެއަކަށް ވެސް ފެންވައްދައި އެގެތަކުގައި ކައްކައިކައި ދިރިނޫޅެވޭވަރު ވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ދަތުރުފަތުރަށް ހުރަސްއެޅޭ ވަރަށް ފެންބޮޑުވުމުން އެތަށް މިލިޔަން ބަޔަކުވަނީ ރޭލްވޭ ސްޓޭޝަންތަކުގައި ތާށިވެފައިވާ އިރު ފަގީރުންގެ ޖިފުޓިތައްވަނީ ރޫޅި ހަލާކުވެފަ އެވެ.
އިންޑިއާގެ މީޑިޔާ ބުނާ ގޮތުން ފާއިތުވި ދިހަވަރަކަށް އަހަރު ވެސް މުންބާއި އަށް ވާރޭ ނުވެހޭވަރަށް ފާއިތުވި ދެ ދުވަހު ވަނީ ވާރޭ ވެހިފަ އެވެ. އިންޑިއާ އަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވާ އިރު މިދިޔަ މޭ މަހުގެ ފަހުކޮޅު އެގައުމުގެ އެކިސްޓޭޓްތަކަށް ވަނީ ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ވެސް ނާންނަވަރުގެ ހޫނުގެ އޮއިވަރުތަކެއް އައިސް ދެހާހަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
އިންޑިއާގެ މުސުމާބެހޭ މަރުކަޒީ އިދާރާ ލަފާކުރާ ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެގައުމުގެ އެކިހިސާބަށް ވިއްސާރަކޮށް ބޯކޮށްވާރޭވެހޭނެ އެވެ. ޚާއްސަކޮށް އިންޑިއާގެ އިރުމަތީގެ ބިހާރު، ވެސްޓް ބެންގޯލް ފަދަ ސްޓޭޓްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވަނީ ލަފާކޮށްފަ އެވެ. އިންޑިޔާއަކީ ބޯކޮށްވާރޭވެހުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް އެތައް ސަރަހައްދެއްގައި ފެންބޮޑުވެ އެތަށް ބަޔަކު މަރުވެ ގިނަބަޔަކު ޙާލުގައިޖެހޭ ގައުމެކެވެ. (ނޫސްއެޖެންސީތައް)