ޒަކާތާ ގުޅޭ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އިން ޑްރާފްޓުކޮށްފައިވާ ޒަކާތު ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ޓަކައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހު އިބްރާހިމް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ ބިލް އެއްކޮށް ޑްރާފްޓު ކުރެވިފައިވާ ކަމަށާއި އަދި މިހާރު އެޓާނީ ޖެނެރަލް އޮފީހަށް އެ ބިލު ފޮނުވާފައިވާ ކަމަށެވެ. އިބްރާހިމް އަހުމަދު ވިދާޅުވީ ބިލް އެންމެ ފުރަތަމަ ޑްރާފްޓުކުރި އިރު ގެނެސްފައިވާ ގޮތަށް މާއްދާތައް ނުހުރެދާނެ ކަމަށެވެ.

"އެންމެ ފުރަތަމަ މާއްދާތައް އެކުލަވާލި ގޮތަށް ފަހަރުގައި ނުހުރެދާނެ. އޭޖީ އޮފީހަށް ފޮނުވި އިރު އަޅުގަނޑުމެން ވާނީ ބިލަށް ވަރަށް ކުދި ކުދި އިސްލާޙުތަކެއްގެނެސްފައި. އުއްމީދު ކުރަނީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ޒަކާތު ބިލު މަޖިލީހަށް ހުށަހަޅާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީ އިން އެކުލަވާލި ޒަކާތު ބިލުގައި ބުނެފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި އަމިއްލައަށް ޒަކާތް ބެހުމާއި ބޭނުންކުރާ ފަރާތްތައް 500،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށެވެ. ބިލުގައި ބުނެފައި ވަނީ ޒަކާތް ބެހުމަށް ކަނޑައަޅާފައިވާ ގޮތްތަކާ ހިލާފަށް އަމަލުކުރާ މީހުންނާއި މިނިސްޓްރީގެ ހުއްދަ ނެތި އަމިއްލަ އަށް ޒަކާތް ބެހުމާއި ބޭނުންކުރުމުގެ އަދަބެއްގެ ގޮތުން ފަސް އަހަރަށް ޖަލަށް ލެވޭނެ ކަމަށެވެ.

އިތުރަށް ބިލުގައި ބުނެފައި ވަނީ ޒަކާތުގެ ހުރިހާ މަސައްކަތެއް ނުވަތަ ޒަކާތުގެ ކަންކަން ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީ އިން ކަމަށެވެ. ބިލުގެ ދެ ވަނަ މާއްދާގައި ބުނެފައި ވަނީ ޒަކާތް ނެގެން ޖެހޭނީ އެކަމަށް ޓަކައި އުފައްދާފައިވާ ޒަކާތް މެނޭޖްމަންޓް ކައުންސިލުން ކަމަށެވެ. އެ ކައުންސިލަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ޒަކާތާއި އެހެނިހެން އިސްލާމީ ސަދަގާތުގެ ފަންޑުތައް ހިންގައި ބަލަހައްޓާނެ ގައުމީ ކައުންސިލެވެ. އަދި ޒަކާތުގެ ގާނޫނު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރާތާ 14 ދުވަސް ތެރޭގައި މި ކައުންސިލް އުފައްދަން ޖެހެ އެވެ.

ޒަކާތުގެ ބެލެނެވެރިންގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައި ވަނީ ފަގީރުންނާއި މިސްކީނުންނާއި އަމިއްލަ އިހުތިޔާރާއި ނުލާ އެހެން ފަރާތެއްގެ ބާރުގެ ދަށުގައިވާ މީހުންނެވެ. އަދި ހަމައެއާ އެކު ބޮޑެތި ދަރަނިވެރިންނާއި އިސްލާމް ދީނަށް އަލަށް ނުވަތަ އަނބުރާ ހިތްޖެހެން ފަށާފައިވާ މީހުންނާއި ދަތުރުވެރިންގެ އިތުރުން ޒަކާތުގެ ކަންކަމުގައި މަސައްކަތްކޮށްފައި އޮފިޝަލުންނާއި ﷲގެ މަގުގައި ދިރިއުޅެމުންދާ މީހުންނެވެ.

ކުރީގެ އިސްލާމިކު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ޒަކާތާ ބެހޭ ގާނޫނާ އެކު ޒަކާތުގެ މުއައްސަސާއެއް އުފެދުމުން ޒަކާތް ދައްކާ މިންވަރު އިތުރުވެ އިތުބާރު ލިބިގެންދާނެ ކަމަށެވެ.