އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި ގިނަ ބަޔަކު ހީކުރިގޮތާ ޚިލާފަށް އަމިއްލަ ދަނޑުގައި ސިންގަޕޯރގެ ޓެމްޕައިންސް ރޯވާރސްއަތުން ވިކްޓަރީ ފަސޭހައިން ބަލިވެއްޖެ އެވެ.

މެޗު ފަށައިގެންވެސް ސިންގަޕޫރުގެ ލީގު ޗެމްޕިއަން ޓެމްޕައިންސް މޮޅަށް ކުޅެމުން ދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އެޓީމުން ވަނީ ދެ ގޯލު ޖަހާފައެވެ. ފުރަތަމަ ލަނޑު 27 ވަނަ މިނެޓްގައި ބެނޮއިޓް ޖެހިއިރު ދެވަނަ ގޯލު ދާގަނޑުގައި ތައްކޮށްލީ ޑިއުރިކް އެވެ. އެއީ 36 ވަނަ މިނެޓްގައެވެ.

މެޗުގައި ވިކްޓަރީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެދުތެރޭން ޓެމްޕައިންސް ވަރުގަދަވުމުން ބޯޅަ ހޯދުމުގައި ދަތިތައް ދިމާވުމެވެ. މީގެ އިތުރުން ޑިފެންސް ލައިންގެ މައްސަލަތައް ބޮޑުކަންވެސް ފާހަގަ ކުރެވިގެން ދިޔައެވެ.
ޓެމްޕައިންސްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ޖަހާދިނީ ޖަމީލެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ވަރަށް ހަނި އޭންގަލަކުންނެވެ.

ވިކްޓަރީގެ ސުން ކަނޑުވާލަދިނީ މެޗުގެ އެންމެ ފަހު ސުކުންތުގައި ހުސެން ޝިމާޒު(ކޮކީ) އެވެ. މިގޯލާއެކު ރެފްރީ ވަނީ މެޗު ނިންމާލާފައެވެ.

މިގްރޫޕްގައި ކުޅެވުނު އަނެއް މެޗުގައި ވިއެޓްނާމްގެ ހޯޕަޓް ހަނޯއީ އަތުން ތައިލެންޑްގެ މުއަތޮންގ ޔުނައިޓެޑް ވަނީ 4-0 ލަނޑުން މޮޅުވެފައެވެ. އެހެންކަމުން ކޮންމެ ޓީމެއް މެޗެއް ކުޅުނުއިރު ލަނޑުގެ ތަފާތުން ކުރީގައި އޮތީ ތައިލެންޑް ޓީމެވެ.