ގައުމީ ޔުނިވާސިޓީގެ ޖީ-ބްލޮކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ބާ ޖަމާލުއްދީންގައި ކުރިން ކިޔަވައި ދެމުން އައި ޝަރީއާ އިން ލޯގެ ކްލާސްތައް އެމްއީއެސް އަށް ބަދަލުކޮށް ކިޔަވައިދޭން ފަށައިފި އެވެ.

ޝަރީއާ އިން ލޯގެ ކިޔެވުން ބަދަލުކުރި ނަމަވެސް ފެކަލްޓީ އޮފް އާޓުސް އާއި ޔުނިވާސިޓީގެ އިދާރީބައި އަދިވެސް ހިންގަމުން އަންނަނީ ބާ ޖަމާލުއްދީނުގަ އެވެ.

ބަންދު ދުވަސްތަކަށް ފަހު ޔުނިވާސިޓީގެ ކިޔެވުން މިއަދު ފަށާފައިވާ އިރު ޔުނިވާސިޓީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ބާ ޖަމާލުއްދީނުގައި ކުރިން ހިންގަމުން އައި ޝަރީއާއިން ލޯގެ ކްލާސްތައް އެމްއީއެސް އަށް ބަދަލުކޮށް އެފެކަލްޓީގެ ކިޔެވުންތައް ފަށާފައިވާ ކަމަށެވެ.

ނަމަވެސް ފެކެލްޓީ އޮފް އާޓުސްގެ ކިޔެވުން އަދިވެސް ކުރިއަށްގެންދަނީ ބާ ޖަމާލުއްދީނުގައި ކަމަށް ވިދާޅުވި އެވެ.

"މިމަހުގެ ކޮންމެވެސް ދުވަހަކަށް މިކޮޅުގައި ތިބެވޭނެ ކަމަށް އަންގަވާފައި އޮތީ، ފެކަލްޓީއޮފް އާޓުސް ހަމަގައިމު ވެސް ބަދަލެއް ނުވޭ، މިވަގުތު ވެސް އަޅުގަނޑު މަސައްކަތް މިކުރަނީ ބާޖަމާލުއްދީނުގައި." ޔުނިވާސިޓީގެ އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުން ބާ ޖަމާލުއްދީންގެ އިމާރާތް ހުސްކުރުމަށް ދީފައިވާ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ އެކެޑެމިކް އެފެއާޒް އަލީ ޝަރީފް އެދުވަހު "ސަން"އަށް ވިދާޅުވީ ޔުނިވާސިޓީ އިން ނިންމާފައި ވަނީ ސަރުކާރުން އެންގިގޮތަށް އަމަލު ކުރަންކަމަށެވެ.

ޔުނިވާސިޓީގެ ބައެއް ކުލާސްތައް އަދިވެސް ބަދަލުނުކުރެވިވުމާ ގުޅިގެން ޔުނިވާސިޓީގެ ބަހެއް ހޯދުމަށް ގުޅުމުން އެފަރާތުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ބާވެ ބޮލަށް ވެއްޓެން ކައިރިވެފައިވާ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އާޓްސްގެ އިތުރުން ގިނަ ފެކަލްޓީތަކެއް ހިންގަމުން އަންނަ ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން އެތައް ފަހަރެއްގެ މަތިން ސަރުކާރުން ވަނީ ޔުނިވާސިޓީ އަށް އަންގާފަ އެވެ. ނަމަވެސް ކުދިންގެ ކިޔެވުން ބުރޫއަރާނެ ކަމަށް ބުނެ ޔުނިވާސިޓީން އެތަން ހުސްކޮށްފައެއް ނުވެ އެވެ.