ރޯދަޔަށް ޚާއްސަކޮށްގެން އެސްޓީއޯއިން ވިއްކަމުން އައި ބިސް، ހޯލްސޭލް ކުރުން ވަގުތީގޮތުން ހުއްޓާލުމަށް ފަހު އަލުން ހޯލްސޭލް ކުރަން ފަށައިފިއެވެ.

އެސްޓީއޯގެ ސުޕަމާޓުގެ ހެޑް ފާތިމަތު އާޝާން "ސަން" އަށް ވިދާޅުވީ، މިއަދު ބިސް ހޯލްސޭލް ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ބިސްކޭހެއް 270 ރުފިޔާއަށް އެސްޓީއޯ ހަ ނަމްބަރު ކޮށިން މިހާރު ވިއްކަމުން އަންނަ ކަމަށް އާޝާން ވިދާޅުވިއެވެ.

"މިހާރު ފަށައިގެން ކުރިއަށް ދަނީ. ލިބުމާއެކު ހަމަ މިފެށީ [ހޯލްސޭލް] ކުރަން. އަޅުގަނޑުމެން ވިޔަފާރިތަކަށްވެސް ހޯލްސޭލް ކުރަމުން މިދަނީ،" އާޝާން ވިދާޅުވިއެވެ.

އެސްޓީއޯއިން ބިސްހޯލްސޭލް ކުރުން ހުއްޓާލުމާއެކު ބިސް ކޭހެއްގެ އަގު ބާޒާރުގައި ވަނީ 600 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ.

އެސްޓީއޯއިން ރޯދަޔަށް ޚާއްސަކޮށް މެދުކެނޑުމެއްނެތި ފިޔާ އާއި އަލުވި ހޯލްސޭލްކޮށް ވިއްކަމުން ދެއެވެ. އަލުވި ބަސްތާއެއް 118 ރުފިޔާއަށް ވިއްކާއިރު ފިޔާ ބަސްތާއެއް ވިއްކަނީ 220 ރުފިޔާއަށެވެ.